މާލޭގެ 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
މަސްމާރުކޭޓާއި، ސަލްޓަން ޕާކު އަދި އަލިދޮޝުޖެހި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމަކީ ކައުންސިލުގެ ބާރުތައް ހަނިވެ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މަސްމާރުކޭޓާއި، ސަލްޓަން ޕާކު އަދި އަލިދޮޝުޖެހި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި 14 ބިމެއް ސަރުކާރަށް ނެގުމަކީ ކައުންސިލުގެ ބާރުތައް ހަނިވެ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ބައިވެރިވި 63 މެންބަރުންގެ ތެރެއިން ގަރާރާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން 52 މެންބަރަކު ވޯޓު ދެއްވީ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށެވެ. މިއީ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ފުރަތަމަ ފާސްކުރަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށްފަހު ހުށަހެޅުނު މިފަދަ ދެވަނަ ގަރާރެވެ.
މާލެއާއި ވިލިމާލޭގެ އުމްރާނީ ތަރައްގީއަށާއި އިންފްރާސްޓްރަކްޗާގެ ޚިދުމަތްތައް ފުޅާކުރުމަށް ކައުންސިލަށް ކޮންމެހެން ބޭނުންވާ ބިންތަކެއް، އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ހައުސިން މިނިސްޓްރީން ވަކިކޮށްފައިވާ ކަމަށް ގަރާރުގައިވެއެވެ.
މި 14 ބިމަކީ މިހާރުވެސް ކައުންސިލަށް އާމްދަނީ ވަންނަ ތަންތަން ކަމަށާއި، އެ ފައިސާއަކީ މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށާއި ކައުންސިލްގެ އިދާރީ ހިންގުމަށް ޚާއްސަކޮށްފައިވާ އާމްދަނީއަށް ވާތީ، މީގެ ސަބަބުން ކައުންސިލަށް ބޮޑު މާލީ ދަތިކަމެއް ކުރިމަތިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިންތަކުގައި ޕާކިން އިމާރާތްތަކާއި، ހުސް ޖާގަތަކާއި ހިތްފަސޭހަ މައިޒާންތައް ގާއިމުކުރުމަށް ކައުންސިލުން ޕްލޭންތައް އެކުލަވާލަމުން ދަނިކޮށް ބިންތައް އަތުލުމަކީ މާލޭގެ ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މި ހިނގާ މަހުގެ 15 ވަނަ ދުވަހު ހައުސިން މިނިސްޓްރީން އެ ބިންތައް ދައުލަތަށް ނަގަން ނިންމުމާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ އެ ނިންމުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެދި މިދިޔަ މަހުގެ 28 ވަނަ ދުވަހު ސިވިލް ކޯޓަށް މައްސަލައެއް ވެސް ވައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް