މުހައްމަދު މާހިރު: ހަޔާތުން ހިތްވަރު ހޯދައި ފައްކާކުރީ ހުނަރު
އުމުރުން 40 ގެ އަހަރުތައް ގުނަމުންދިޔަ މާހިރުގެ ހަޔާތް ފުރޮލީ ގޮނޑިއަކަށް ގެންގޮސްލީއިރު، އޭރު އޭނާގެ ޒިންމާގެ ދަށުގައި އަންބަކާއި ފަސް ދަރިންނާއި ފިރިހެން ދަރިއަކު ހުއްޓެވެ. އަނބިދަރިން ބަލަން އާމްދަނީ ހޯދާނެ އިތުރު ގޮތެއް މާހިރުއަށް ޖެހުނީ އެހާ ހިސާބުން ހޯދާށެވެ.
ބ. ތުޅާދޫ، ހިއްމަތް، އުމުރުން 67 އަހަރުގެ މުހައްމަދު މާހިރު އޭނާގެ އަމިއްލަ ހިޔާލަށް ލަކުޑިން ތަފާތު ވައްތަރުގެ އުޅަނދުތަކުގެ ކުދި ނަމޫނާތައް ފަރުމާކުރަން ފެށީ، ހަޔާތުގައި ދިމާވި، ހާދިސާއަކަށްފަހު އާއިލާ ބަލަހައްޓަން ކުރާނެ މަސައްކަތަކާ މެދު ވިސްނުމަށް ފަހުގައެވެ. ޒުވާން ދުވަސްވަރު ކަނޑުމަތީގައި އުޅުނު ވަރުގަދަ ކެޔޮޅުގެ މުޅި ދިރިއުޅުން ބަދަލުވީ 1999 އަހަރު ދޯންޏެއް ބާލަން އުޅުމުގެ ތެރޭ ދޯނި ދަށުވެ، ފަޔަށް ލިބުނު ގެއްލުމުގައި ނުހިނގޭ މީހަކަށް ބަދަލުވި ހިސާބުންނެވެ.
"ޒުވާން އިރު މަސްވެރިކަމުގައި އުޅުނީ. އެހެން އެއްވެސް މަސައްކަތެއް އޭރު ނުކުރަން. ކުރާކަށް އޭރު ނުވެސް އުޅެން. ދޯނި ދަށުވި ހާދިސާގައި މަސްވެރިކަން އެއްކޮށް ހުއްޓާލަން ޖެހުނީ،" މާހިރު ބުންޏެވެ.
އުމުރުން 40 ގެ އަހަރުތައް ގުނަމުންދިޔަ މާހިރުގެ ހަޔާތް ފުރޮލީ ގޮނޑިއަކަށް ގެންގޮސްލީއިރު، އޭރު އޭނާގެ ޒިންމާގެ ދަށުގައި އަންބަކާއި ފަސް ދަރިންނާއި ފިރިހެން ދަރިއަކު ހުއްޓެވެ. އަނބިދަރިން ބަލަން އާމްދަނީ ހޯދާނެ އިތުރު ގޮތެއް މާހިރުއަށް ޖެހުނީ އެހާ ހިސާބުން ހޯދާށެވެ.
"އެކަނި އިނދެ ވަރަށް ވިސްނިން ކޮންކަމެއްތޯ ކުރާނީ. އެހެން ވިސްނަމުން ގޮސް ފެށި ކަމެއް ރިޔާނެގި ކުދި ދޯނި ހަދަން ފެށުން. އެގޮތަށް އެކި އެއްޗެހި އަތުން އިނދެގެން ހަދަން ފެށީ،" މާހިރު ބުންޏެވެ.

ލިޔެލާ ޖެހުމަށް މަޝްހޫރު ތުޅާދޫ އަށް އުފަން މާހިރު ލަކުޑި އާއި ނާއްޓާއި ތަފާތު ގޮތް ގޮތަށް ކޮށައި މަށައި ހަދައިގެން ފައްކާކުރި ދިވެހި އުފެއްދުންތައް ރިސޯޓުތަކަށް ވިއްކަން ފެށި އެވެ. އަދި ސަރުކާރުގެ އެކި ކަންކަމަށް ވެސް ދޯންޏާއި ތަކެތި ހަދައިދީ ރާއްޖޭން ބޭރަށް ވެސް ފޮނުވަދިނެވެ.
"އޭރު ވަރަށް ލިބޭ އެއްޗެހި ހަދަން. މާހިރުބެއަށް ނުހެދިފައި އޮންނަނީ. އެވަރަށް އޯޑަރު ލިބުނު،" މާހިރުގެ މަސައްކަތާއި މެދު ފަޚުވެރިވެފައި ބުންޏެވެ.
މާހިރު ބުނާ ގޮތުގައި އޭނާގެ ގޭގައި އަބަދުވެސް ރެކް މަތީގައި އުފެއްދުންތައް ހުސްނުކޮށް ބަހައްޓާފައި ހުންނާނެ އެވެ.
"އެގޮތަށް ބަހައްޓާފައި ހުރި ސަފާރީއެއް ދަރިފުޅަށް ފެނިގެން ބުނެފި ހިނގާށޭ މައުރަޒަށްލާން. އަޅުގަނޑު ބުނެފިން ތިއީ ދެން މައުރަޒަށް ލާކަހަލަ އެއްޗެއް ނޫނޭ. ބުނީމަ ވެސް ކުދިން ބޭނުންވެއްޖެ ލާން. އެހެންވެ ލީ،" އެންމެ ފުރަތަމަ އޭނާގެ އުފެއްދުމެއް މައުރަޒުގައި ބައިވެރި ކުރި ވާހަކަތައް ހިއްސާ ކުރަމުން މާހިރު ބުންޏެވެ.

އޭނާ ބުނީ 2015 ވަނަ އަހަރު އޮތް އެ މައުރަޒުގައި ބައިވެރި ކުރި ސަފާރީ އަށް މުޅި މައުރަޒުން އެއްވަނަ ލިބި، ބޮޑު އަގުގައި އެ ސަފާރީ ވިކުނު ކަމަށެވެ.
އޭގެ ފަހުން މާހިރު އަންނަނީ ތަފާތު އެކި މައުރަޒު ތަކުގައި އޭނާގެ އުފެއްދުންތައް ދައްކާލަމުންނެވެ. އެގޮތުން މިއަހަރުގެ އެކްސްޕޯގައި ބައިވެރި ކުރި ސަފާރީ އާއި ޑައިވިން ދޯންޏަށް ވެސް ވަނީ ބައިވެރި ކުރި ދެ ކެޓަގަރީން ވެސް އެއްވަނަ ލިބިފަ އެވެ.
"މިފަހަރުގެ ސަފާރީގެ ފުރިހަމަކަން ފެނިފައި މަޖިލީހުގެ ރައީސް ވެސް ވިދާޅުވި. މީތި ވިކޭނެއޭ. މީތި ނުކިވެންޏާ މިތަނުން ވިކޭނެ އެއްޗެއް ނެތޭ. އެހާ ފުރިހަމައޭ މަސައްކަތް،" މާހިރު ބުންޏެވެ.

އަތްތެރި މަސައްކަތުގައި އޭނާ ހޭދަ ކުރި 27 އަކަށް އަހަރު ތެރޭ އަބަދުވެސް އެންމެ ގާތުގައި ހުރީ އޭނާގެ އަންހެނުންނެވެ.
"އަންހެނުން އެންމެ ބޮޑަށް އެހީވާނީ ހުރިހާ ކަމެއްގައި ވެސް. މިތަކެތި ހަދައިދިނުމުގައި ބޭނުންވާ ކަންކަން ކޮށްދީ ހުރިހާ ކަމެއްގައި ވެސް. ފުރަތަމަ ހާދިސާ ހިނގި އިރު ދިރިއުޅުން ހަމައަކަށް އެޅުވުމުގައި ވަރަށް ބޮޑަށް އެހީވި ދޯނިގެ ވެރިފަރާތްވެސް. އެހުރިހާ އެންމެންގެ އެހީތެރިކަމާއެކު މިހާ ހިސާބަށް އާދެވުނީ،" މާހިރު ބުންޏެވެ.
ދިރިއުޅުމުގައި ދިމާވާ އަޑިގުޑަން ތަކަކީ ރިއެރުމަށް އޮތް ހުރަހެއް ނޫންކަން މާހިރުގެ ހަޔާތުން މިވަނީ ކިޔައިދީފަ އެވެ. އުމުރުގެ ފަހު ދުވަސްތައް ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ނަމަވެސް އޭނާގެ ހުނަރާއި ކުރިއެރުމަށް އެއީ ހުރަހެއްނޫންކަން މާހިރު މިވަނީ ދައްކުވައިދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް