ވީކްލީ ފިސްކަލް ރިޕޯޓް

ދައުލަތުގެ ޚަރަދު %16.2 އިތުރުވެ، 38.99 ބިލިއަން ރުފިޔާއަށް އަރައިފި

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ނުވަތަ ހިނގަމުންދާ ޚަރަދުތަކެވެ. އެގޮތުން ރިކަރަންޓް ޚަރަދު ވަނީ 16.9 އިންސައްތަ އިތުރުވެ 33.68 ބިލިއަން ރުފިޔާއަށް އަރާފައެވެ.

04 November 2026
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

މިއަހަރުގެ އޮކްޓޫބަރ 29 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 16.2 އިންސައްތަ މައްޗަށް ގޮސް، 38.99 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޚަރަދުތައް މިހާ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއާއި އާސަންދައިގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ކުރި ހޭދަ ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިކަރަންޓް ނުވަތަ ހިނގަމުންދާ ޚަރަދުތަކެވެ. އެގޮތުން ރިކަރަންޓް ޚަރަދު ވަނީ 16.9 އިންސައްތަ އިތުރުވެ 33.68 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެހީއާއި ސަބްސިޑީއަށް ކުރި ހޭދަ ވަނީ 34.9 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 10.81 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. އޭގެ ތެރޭގައި ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.96 ބިލިއަން ރުފިޔާ ހިމެނެއެވެ.

މީގެ އިތުރުން، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 20.28 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އުމްރާނީ ތަރައްޤީއަށް ކުރާ ކެޕިޓަލް ޚަރަދުވެސް ވަނީ 12 އިންސައްތަ އިތުރުވެ، 5.30 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޚަރަދުތައް މިހާ ބޮޑަށް މައްޗަށް ގޮސްފައިވާއިރު، ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 34.52 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.3 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައި 9.1 އިންސައްތައިގެ ކުރިއެރުމެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ޓީ.ޖީ.އެސް.ޓީ އިން އެކަނިވެސް 9.32 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސް އާއި އިމްޕޯޓް ޑިއުޓީއިން ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.

ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ކުރަންޖެހުނު ޚަރަދުތައް ބޮޑުވުމުގެ ސަބަބުން، 29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ ޖުމްލަ ބެލެންސް ހުރީ 4.47 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. އަދި ޕްރައިމަރީ ބެލެންސް ހުރީ 0.33 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް