ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލްގެ ތިން ފެސިލިޓީއެއްގެ ލިމިޓް 10 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ދޫކުރާ މުހިންމު ތިން ފައިނޭންސިން ފެސިލިޓީއެއްގެ އެންމެ މަތީ ލިމިޓް 10 މިލިއަން ރުފިޔާއަށް އިތުރުކޮށްފިއެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ދޫކުރާ މުހިންމު ތިން ފައިނޭންސިން ފެސިލިޓީއެއްގެ އެންމެ މަތީ ލިމިޓް 10 މިލިއަން ރުފިޔާއަށް އިތުރުކޮށްފިއެވެ.
ކުރިން ފަސް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރަމުން އައި މި ފެސިލިޓީތަކުގެ ލިމިޓު ދެގުނައަށް ބޮޑުކުރީ، ރާއްޖޭގެ ވިޔަފާރިތައް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނައިރު މާލީ އެހީތެރިކަމަށް އޮތް ޑިމާންޑާ އެއްވަރަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައެވެ.
ލިމިޓް ބޮޑުކުރި ތިން ފައިނޭންސިން ފެސިލިޓީ:
އެސެޓް ފައިނޭންސިން: މުޅިން އަލަށް ފަށާ ވިޔަފާރިތަކަށާއި، މިހާރު ވެސް ހިންގަމުންދާ ވިޔަފާރިތަކަށް ބޭނުންވާ އެކި ބާވަތްތަކުގެ ހަރުމުދާ ހޯދުމަށް.
ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން: ވިޔަފާރި ހިންގާތާ މަދުވެގެން ދެ އަހަރު ވެފައިވާ ފަރާތްތަކުން ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި ކެޕިޓަލް އިންވެސްޓްމަންޓް ކުރުމަށާއި، އައު މާކެޓުތަކަށް ވަދެ އާމްދަނީ އިތުރުކުރުމަށް.
ވެސެލް ފައިނޭންސިން: ކަނޑުއުޅަނދު ގަތުމަށާއި، އައު އުޅަނދު ބަނުމަށް އަދި އުޅަނދުތަކަށް އިންޖީނު އެޅުން ފަދަ ކަންކަމަށް (މީގެ ތެރޭގައި މަސްވެރިކަމުގެ އުޅަނދުފަހަރާއި، ޑައިވިން، ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަންތަކަށް ބޭނުންކުރާ އުޅަނދުތައް ހިމެނެއެވެ).
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފައިނޭންސިން ލިމިޓަކީ އެއްވެސް ވިޔަފާރިއެއްގެ ކުރިއެރުމަށް އޮންނަ ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެ ބޭންކުގެ އަބަދުވެސް އަމާޒަކީ ވިޔަފާރިތަކުގެ ބޭނުންތައް ދެނެގަނެ، އެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމުގައި މުހިންމު ބައިވެރިއެއްގެ ދައުރު އަދާކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ފެސިލިޓީތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެސްއެމްއީ ޑިޖިޓަލްގެ ރަސްމީ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް