ކޮންމެ ގައުމަކަށް ވެސް ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ އިޚުތިޔާރު އޮންނަންވާނެ: ނައިބު ރައީސް
ކޮމަންވެލްތުގެ މެންބަރު ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތުގެ މެންބަރު ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ތަރައްގީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ އިޚުތިޔާރު އޮންނަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
އެންޓިގުއާ އެންޑް ބާބުޑާގައި ކުރިއަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޖަމާއަތުގެ ގައުމުތަކުގެ މެދުގައި ވަރުގަދަ އަދި ވިލުންތެރި ގުޅުމެއް ގާއިމުކުރުމަށްޓަކައި އެއް ގައުމު އަނެއް ގައުމުގެ ގައުމީ މަސްލަހަތުތަކަށް ފުރިހަމައަށް އިހުތިރާމުކުރަންޖެހޭ ކަމަށެވެ. އަދި ކޮމަންވެލްތު ވަރުގަދަ ޖަމާއަތަކަށް ވާނީ މެންބަރު ގައުމުތަކުގެ އަމިއްލަ ގާބިލުކަން އިތުރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ފަހިކޮށްދީގެން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ނައިބު ރައީސް ފާހަގަކުރެއްވި މުހިންމު ތިން ކަންތައް:
މުއައްސަސާތައް ހަރުދަނާކުރުން: މީހުން ބާރުވެރިކުރުވައި، އިސްނަގައިގެން މަސައްކަތްކުރާނެ ހަރުދަނާ މުއައްސަސާތަކެއް ބިނާކުރުން.
އަމިއްލަ ފައިމައްޗަށް ތެދުވުން: ގައުމީ ލަނޑުދަނޑިތަކަށް އިހުތިރާމުކުރުމާއެކު، އަމިއްލަ ބާރާއި ގާބިލުކަން އަށަގެންނެވުން.
އަމަލީ އެއްބާރުލުން: ދުނިޔޭގެ ސަޕްލައި ޗޭނަށް އަންނަ ލޮޅުންތަކާއި، މޫސުމީ ބަދަލުތަކުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ހަމައަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުން ތަޖުރިބާ ހިއްސާކޮށް އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުން.
ރާއްޖޭގެ ދުރުރާސްތާގެ ތަރައްގީގެ އަމާޒުތައް:
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖެއިން ހާސިލުކުރަން ކަނޑައަޅާފައިވާ މުހިންމު ލަނޑުދަނޑިތައް ނައިބު ރައީސްގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ:
2028 ވަނަ އަހަރަށް: ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުން.
2030 ވަނަ އަހަރަށް: ރާއްޖޭގެ ޑިޖިޓަލް އިގުތިސާދަކީ ޖީޑީޕީގެ 15 އިންސައްތައަށް ހެދުން.
2040 ވަނަ އަހަރަށް: ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުން.
ނައިބު ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގެ އެންމެ ބޮޑު ހަކަތައަކީ އަދި އޭގެ މަންފާ ލިބެންޖެހޭ އެންމެ އިސް ބަޔަކީ ގައުމުގެ ރައްޔިތުން، ޚާއްސަކޮށް ޒުވާނުން ކަމަށެވެ. އެހެންކަމުން، ޒުވާނުންނަށް ޒަމާނީ އިލްމާއި ހުނަރާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް