އެޗްޑީސީ

ހެލްތު އެކްސްޕޯގައި އެޗްޑީސީ، "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމް

މި އެކްސްޕޯގެ ތެރެއިން އެޗްޑީސީން ވަނީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "ދުޅަހެޔޮ އިސްރަށްވެހިން" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައެވެ. މިއަދު ހަވީރު 5:00 ގައި ފަށާ މި އެކްސްޕޯގެ ތެރެއިން މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

06 November 2026
އިސް ރަށްވެހިންތަކެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި
އިސް ރަށްވެހިންތަކެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ވެލްފެއާއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ "ހެލްތު އެކްސްޕޯ 2026" ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައިވެރިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯގައި ގާއިމުކޮށްފައިވާ އެޗްޑީސީގެ ޚާއްޞަ ސްޓޯލް މެދުވެރިކޮށް، އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ހިންގާ ތަފާތު ހަރަކާތްތަކާއި، އާއިލީ ދުޅަހެޔޮކަމާއި މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދޭނެއެވެ. މީގެ ތެރެއިންވެސް އެ ސްޓޯލުން އެންމެ ޚާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ މައުލޫމާތު ދިނުމަށެވެ.

މި އެކްސްޕޯގެ ތެރެއިން އެޗްޑީސީން ވަނީ އިސްރަށްވެހިންނަށް އަމާޒުކޮށްގެން "ދުޅަހެޔޮ އިސްރަށްވެހިން" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ނިންމާފައެވެ. މިއަދު ހަވީރު 5:00 ގައި ފަށާ މި އެކްސްޕޯގެ ތެރެއިން މި ޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުގައި، ނޮވެންބަރު 16 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށް ބަހާލައިގެން، އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކޮންމެ ބެޗެއްގައިވެސް ހަފުތާއަކު ތިން ދުވަހު ޖުމުލަ 12 ސެޝަން ކުރިއަށް ގެންދާނެއެވެ. މި ސެޝަންތަކުގައި އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ރޭވިފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތައް ކުރިއަށްގެންދާނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އިސްރަށްވެހިންގެ މެދުގައި އުފެދޭ އެކަނިވެރިކަމާއި އިޖުތިމާއީ އެކަހެރިކަން ނައްތާލައި، އުފާވެރި، އަދި ހަރަކާތްތެރި އުމުރުފުރައެއް ބިނާކުރުމަށް ހިތްވަރުދިނުމެވެ. އަދި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާ އެކު އުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހަދައި، އިސްރަށްވެހީންނާއި އަވައްޓެރިންނާ ދެމެދު އެކުވެރި މާހައުލެއް ގާއިމުކުރުމަކީ އެ ކޯޕަރޭޝަންގެ ވަރަށް ބޮޑު އަމާޒެކެވެ.

ހެލްތު އެކްސްޕޯ 2026 ކުރިއަށްދާ މުއްދަތުގައި ސެންޓްރަލް ޕާކުގައިވާ އެޗްޑީސީގެ ސްޓޯލަށް ޒިޔާރަތްކުރައްވައި، "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމާއި އެޗްޑީސީގެ އިޖުތިމާއީ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ހޯއްދެވުމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުކޮށް ދައުވަތު އަރުވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް