ޓޫރިޒަމް ސީޒަން ފެށޭއިރު، މެދުއިރުމަތި ހޫނުވުމުން އިތުރު ނުތަނަވަސްކަން
ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ވަނީ އީރާނާއި އެމެރިކާ އަދި އިސްރާއިލްގެ ކުރިމަތިލުން އަލުން ފެށިއްޖެނަމަ މިހާރުގެ ހާލަތު ގޯސްވާނެ ކަމަށް ބުނެފަ އެވެ. އިންޑަސްޓްރީގެ ފަރާތްތަކުގެ މި ކަންބޮޑުވުން އޮތްއިރު، ރާއްޖެއަށް ކަނެކްޝަން ފްލައިޓް އަޅާ މައި މަންޒިލްތައް ކަމަށްވާ ޔޫއޭއީގެ ދުބާއީ އާއި ގަތަރު ފަދަ ޓްރާންސިޓް ޕޮއިންޓްތަކަށް އަޅާ ފްލައިޓުގެ އަދަދަށް ވަނީ ބޮޑެތި ބަދަލު ތަކެއް ގެނެސްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަން ފެށެން ކައިރިވެފައިވާއިރު، މެދުއިއިރުމަތީގެ ހަނގުރާމަ ހޫނުވުމުގެ ބިރު އޮތުމާއެކު އިތުރު ނުތަނަސްކަން އުފެދެން ފަށައިފި އެވެ.
ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކުން ވަނީ އީރާނާއި އެމެރިކާ އަދި އިސްރާއިލްގެ ކުރިމަތިލުން އަލުން ފެށިއްޖެނަމަ މިހާރުގެ ހާލަތު ގޯސްވާނެ ކަމަށް ބުނެފަ އެވެ. އިންޑަސްޓްރީގެ ފަރާތްތަކުގެ މި ކަންބޮޑުވުން އޮތްއިރު، ރާއްޖެއަށް ކަނެކްޝަން ފްލައިޓް އަޅާ މައި މަންޒިލްތައް ކަމަށްވާ ޔޫއޭއީގެ ދުބާއީ އާއި ގަތަރު ފަދަ ޓްރާންސިޓް ޕޮއިންޓްތަކަށް އަޅާ ފްލައިޓުގެ އަދަދަށް ވަނީ ބޮޑެތި ބަދަލު ތަކެއް ގެނެސްފަ އެވެ.
ސައުދީ އަރަބިއްޔާގައި އުފެދިފައިވާ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން އެއާލައިންތަކުން ޝެޑިއުލްތަކަށް ބަދަލު ގެންނަމުންދާތީ، މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި ފްލައިޓްތަކަށް ބުރޫއެރުން ދަނީ ކުރިއަށެވެ. ސަރަޙައްދީ ނުތަނަވަސްކަމުގެ ތެރޭގައި، ރިޔާޒްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓް އޮކްޓޯބަރު 25 ވަނަ ދުވަހު އަލުން ހުޅުވައި، މިހާރު ޓާމިނަލް އެކެއް އަދި ދޭކުން ޚިދުމަތް ދެމުންދިޔަ ނަމަވެސް، ގިނަ އެއަރލައިންތަކަކުން ވަނީ ފްލައިޓްތައް ކެންސަލްކުރުން ނޮވެމްބަރު މަހާއި އޭގެ ފަހަށްވެސް އިތުރުކޮށްފައެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅުން ފެށިގެން ސައުދީ އަރަބިއްޔާގެ އެއާޕޯޓްތަކާއި އުމްރާނީ ވަސީލަތްތަކަށް ދަނީ ގިނަ ޙަމަލާތަކެއް އަމާޒުވަމުންނެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ރިޔާޒަށެވެ. އެ ސިޓީގެ އެއަރޕޯޓަށް ހަތަރު ފަހަރަށް ޙަމަލާދީފައިވާއިރު، 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެ، މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ. މިކަމާ ގުޅިގެން ސަރަޙައްދުގައި ހުރި އެމެރިކާގެ އެމްބަސީތަކުން ވަނީ އެމެރިކާ ރައްޔިތުންނަށް ސަލާމަތީ އިންޒާރުތައް ނެރެފައެވެ. "ފްލައިޓްތައް ކެންސަލްވުމާއި، ވައިގެ ސަރަޙައްދުތައް ބަންދުކުރުމާއި، ދަތުރުފަތުރުކުރުމަށް ދިމާވެދާނެ ދަތިތަކަށް ސަމާލުވުމަށް" ރައްޔިތުންނަށް އިންޒާރުދީ، އަދި "މަސްހުނި ސަލާމަތީ މާޙައުލާ ގުޅިގެން އިތުރަށް ސަމާލުވުމަށް" ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން ގެންނަ އެމިރޭޓްސް، ޤަތަރު އެއަރވޭސް އަދި އިއްތިހާދު ފަދަ ބައިނަލްއަޤްވާމީ އެއަރލައިންތަކުން ސައުދީގެ ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް ވަގުތީގޮތުން ކެންސަލްކޮށްފައިވީ ނަމަވެސް، އެ ޤައުމަށް ކުރާ ބައެއް ދަތުރުތައް އަދިވެސް ދަނީ ކުރިއަށެވެ. އަނެއްކޮޅުން، އިނގިރޭސިވިލާތުން ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ދޭ ލަފާ އާދާކޮށް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ސައުދީ އަރަބިއްޔާއަށް އެއްވެސް ދަތުރެއް ނުކުރުމަށާއި، ޔަމަނުގެ ބޯޑަރާ 10 ކިލޯމީޓަރު ކައިރިއަށް ދަތުރުނުކުރުމަށް އިންޒާރުދީފަ އެވެ. އަދި އެންމެ ފަހުގެ އިރުޝާދުގައި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓާ ދުރުގައި ތިބުމަށް އިނގިރޭސި ރައްޔިތުންނަށް ލަފާދީފައިވާއިރު، އެ އެއަރޕޯޓަށް އަދިވެސް ޙަމަލާތައް އަމާޒުވަމުންދާކަމާއި އިތުރު ޙަމަލާތަކެއްގެ ނުރައްކާ އޮތްކަމުގެ އިންޒާރު ވަނީ ދީފައެވެ.
ހަނގުރާމައިގެ މައިގަނޑު ސަރަޙައްދު ސައުދީ އަރަބިއްޔާއާއި ހުރްމޫޒް ކަނޑުއޮޅިއާ ދެމެދު ބަދަލުވަމުންދާއިރު، އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އައުމަކީ އަދިވެސް އުނދަގޫ ކަމެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެހެރާނާއެކު އެއްވެސް މަޝްވަރާއެއް ކުރަމުންދާކަން ދޮގުކުރައްވައި ނަތީޖާއެއް "ވަރަށް އަވަހަށް" ފެންނާނެކަމަށް ވިދާޅުވެފަ އެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއި ވިދާޅުވީ، ޑިޕްލޮމަސީއަށް ހުޅުވާލެވިފައި އޮތް ނަމަވެސް، "ކޮންމެ ޙާލަތަކަށްވެސް" އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.
ހަމައެއާއެކު، ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) އިން ދަނީ ސައުދީ އަރަބިއްޔާ އީރާން، އުރުދުން، އިރާޤު، ލުބުނާން އަދި ފާރިސީ ކަނޑާއި އޮމާން ކަނޑު ހިމެނޭހެން ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކަށް ދީފައިވާ އިންޒާރުތައް ދަމަހައްޓަމުންނެވެ. މީގެތެރެއިން މައިގަނޑު އިންޒާރުތައް މިމަހުގެ 16 ވާ ހޯމަ ދުވަހާ ހަމައަށް ދެމިއޮންނާނެއެވެ.މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ޕީކަށް ވަންނަ ފަށާ ތާރީހެވެ.
އީރާނުގެ މަދަނީ ވައިގެ ފްލީޓަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވުމާ ގުޅިގެން، ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އީރާނުގެ އެއަރލައިންތަކުން ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓުވާފައެވެ. ސެޕްޓެމްބަރު 30 ވި ބުދަ ދުވަހު ތެލް އަވީވަށް ފްލައިދުބާއީން ކުރި ދަތުރެއްގައި ހިންގަން އުޅުނު ޓެރަރިސްޓް ޢަމަލާ ގުޅިގެން، އެ އެއަރލައިނުން ވަނީ އިސްރާއީލަށް ކުރާ ދަތުރުތައްވެސް މެދުކަނޑާލާފައެވެ.

ޔަމަނުގެ އީރާނުގެ މަދަދު ލިބޭ ޙޫތީން ސައުދީ އަރަބިއްޔާއަށް ދޭތެރެދޭތެރެއިން ދޭ މިސައިލް ޙަމަލާތަކުގެ އަސަރު ސަރަޙައްދީ ވައިގެ ސަރަޙައްދަށް ދަނީ ކުރަމުންނެވެ. ސެޕްޓެމްބަރު މަހު ކުވައިތާއި ބަޙްރައިނުން ގިނަ ޑްރޯންތަކެއް ވައްޓާލިފަހުން، ޖީސީސީގެ އެހެން ޤައުމުތަކަށް ޙަމަލާއެއް ދީފައެއް ނުވެއެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުން ވަނީ، މިސައިލާއި ޑްރޯން ޙަމަލާތަކުން ސައުދީގެ ސިޓީތަކާއި މުހިންމު އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަށް އެހީތެރިވުމުގެ ގޮތުން އާރްއޭއެފް ޓައިފޫން ފައިޓަރ ޖެޓްތަކުން ދިފާޢީ މިޝަންތަކެއް އުދުހޭނެކަން އިޢުލާންކޮށްފައެވެ.މި ބަދަލުވަމުންދާ ޙާލަތާ ގުޅިގެން، މި ސަރަޙައްދުން، ސަރަޙައްދަށް ނުވަތަ ސަރަޙައްދު ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކުން ފްލައިޓްތަކަށް ބުރޫއަރާފާނެކަމަށް ތައްޔާރުވެ ތިބުމަށް ވަނީ އަންގާފައެވެ. މެދުއިރުމަތީގައި ފްލައިޓް ބުކްކޮށްފައިވާ ދަތުރުވެރިންނަށް މުހިންމު ބައެއް މަޢުލޫމާތުތައް ތިރީގައި އެވަނީއެވެ:

މެދުއިރުމަތީގައި އޮޕަރޭޓްކުރަނީ ކޮން އެއާލައިންތަކަކުން؟
އެމިރޭޓްސް - މިހާރު 72 ޤައުމެއްގެ 140 މަންޒިލަކަށް ދަތުރުކުރަމުންދާއިރު، މިއީ ހަނގުރާމައިގެ ކުރިން އޮތް ކެޕޭސިޓީގެ ގާތްގަނޑަކަށް 93 އިންސައްތައެވެ. އޮކްޓޯބަރު 30 ގައި ޖިއްދާއަށް އަދި ނޮވެމްބަރު 8 ގައި ރިޔާޒާއި ދައްމާމަށް ދަތުރުތައް ފަށާނެއެވެ. ޙާލަތު ބަދަލުވަމުންދާތީ ޗެކް-އިން ވުމަށްފަހުވެސް ފްލައިޓް ސްޓޭޓަސް ޗެކްކުރުމަށް ވަނީ އިރުޝާދުދީފައެވެ.
އިއްތިހާދު އެއަރވޭސް - 90 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރަމުންދާއިރު، ރިޔާޒާއި ދައްމާމަށް ކުރާ ދަތުރުތައް ނޮވެމްބަރު 5 ގެ ނިޔަލަށް ވަނީ ކެންސަލްކޮށްފައެވެ. ދުވާލުގަޑީގައި ޖިއްދާއަށް ކުރާ ދަތުރުތައް ކުރިއަށްދާއިރު ރޭގަނޑުގެ ބައެއް ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ.
ޤަތަރު އެއާވޭސް - ދުބާއީއަށް ގިނަ ދަތުރުތަކެއް ކުރަމުންދާއިރު، އަބްހާ، ދައްމާމް، ރިޔާޒް އަދި ތާއިފަށް ކުރާ ދަތުރުތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. ޖިއްދާއަށް ކުރާ ދަތުރުތައްވެސް ވަނީ މަދުކޮށްފައެވެ.
ފްލައިދުބާއީ - މަދުކުރެވިފައިވާ ޝެޑިއުލަކާއެކު ދަތުރުތައް ކުރިއަށްދާއިރު، ރިޔާޒް، ދައްމާމް އަދި އަބްހާއަށް ކުރާ ދަތުރުތައް އޮކްޓޯބަރު 29 ގެ ނިޔަލަށް ވަނީ ކެންސަލްކޮށްފައެވެ. ތެލް އަވީވަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
މީގެ އިތުރުން ގަލްފް އެއަރ، އެއަރ އަރަބިއާ، އެއަރ ފްރާންސް، އިންޑިގޯ ފަދަ ގިނަ އެއަރލައިންތަކެއްގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
ސައުދީ އަރަބިއްޔާގެ އެކި ކަންކޮޅުތަކުގައި 7،800 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވެފައިވާއިރު، ސަރުކާރުތަކުން ދަނީ އެ ޤައުމަށް ދަތުރުނުކުރުމަށް އިންޒާރުދެމުންނެވެ.
މެދުއިރުމަތީގެ ދަތުރުތައް ކެންސަލް ކުރީ ކޮން އެއަރލައިންތަކަކުން؟
އެއާ ކެނެޑާ، އެއާ ބޯލްޓިކް، ބްރިޓިޝް އެއަރވޭސް، ކެތޭ ޕެސިފިކް، ފިންއެއަރ، ލުފްތަންސާ އަދި އެހެނިހެން ގިނަ އެއަރލައިންތަކަކުން ވަނީ މެދުއިރުމަތީގެ ބައެއް މަންޒިލްތަކަށް، ހާއްސަކޮށް ދުބާއީ، ރިޔާޒް އަދި ތެލް އަވީވަށް ކުރާ ދަތުރުތައް އެކި މުއްދަތުތަކަށް މެދުކަނޑާލާފަ އެވެ. މީގެ ތެރެއިން ބައެއް އެއަރލައިންތަކުން 2027 ވަނަ އަހަރާ ހަމައަށް ދަތުރުތައް މެދުކަނޑާލާފައިވެއެވެ.
މި ހުރިހާ ހުރަސްތަކާއެކު ރާއްޖެއަށްވެސް މީގެ އިފެކްޓް ފޯރާނެ އެވެ. މިކަން ވެގެންދާނީ ޓޫރިޒަމަށް ހެޔޮ ފާލަކަށްނޫނެވެ. ޓޫރިޒަމް މައި ސީޒަން ފެށެންދާއިރު މި ދަތިކަމާއެކު އިތުރު މައްސަލަަތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް