މޯލްޑިވްސް އެކްސްޕޯ

ސޯލިހް: ލިޔެލާ ޖެހުމުގައި މެދުނުކެނޑި 45 އަހަރު

ސޯލިހް ބުނާގޮތުގައި ލިޔެލާ ޖެހުމުގެ މަސައްކަތުގައި އޭނާ އަތްހާކާލީ ވެސް އުމުރުން އެންމެ 12 އަހަރުގައެވެ. އެހިސާބުން އޭނާގެ މަސައްކަތުގެ ހުނަރު ގާތްތިމާގެ މީހުންނާއި ބައްޕައަށް ފާހަގަވި އެވެ. އެއީ 1983 ވަނަ އަހަރެވެ.

02 November 2026
ސޯލިހު މޯލްޑިވްސް އެކްސްޕޯގެ ސްޓޯލުގައި ހުރި އޭނާ އުފެއްދި ލިޔެލާގެ އުފެއްދުންތަކާއެކު 

-- ފޮޓޯ : ދރ.
ސޯލިހު މޯލްޑިވްސް އެކްސްޕޯގެ ސްޓޯލުގައި ހުރި އޭނާ އުފެއްދި ލިޔެލާގެ އުފެއްދުންތަކާއެކު -- ފޮޓޯ : ދރ.

އަތުން އަނބުރާ އާދައިގެ ހަރަކުން ފުނަ ލަކުޑިގަނޑެއް ކޮށައި، އޭގައި ކުލަ ޖައްސައި ފަރުމާކުރުމަކީ ބ.ތުޅާދޫގެ ސަގާފަތާ ގުޅިފައިވާ ޒަމާނީ ފަންނެކެވެ. މި މަސައްކަތުގައި މެދުނުކެނޑި 45 އަހަރު ހޭދަކޮށް، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އެތައް ކާމިޔާބީއެއް ހޯދާފައިވާ އިބްރާހިމް ސޯލިހް ބުނާ ގޮތުގައި، ލިޔެލާ ޖަހައިގެން އޭނާއަށް ނުލިބޭ އުފަލެއް ނެތެވެ.

އޭނާގެ ބައްޕައާއި މަންމަ ފަރާތުގެ އާއިލާއަކީ މުޅި ތުޅާދޫއަށް ވެސް ލިޔެލާ ޖެހުމަށް އެންމެ މަޝްހޫރު އާއިލާއެވެ. އެހެންވެ އެހުނަރު ފިސާރި ރަނގަޅަށް އޭނާގެ ގައިގައި ވެސް އެބަހުއްޓެވެ.

ސޯލިހް ބުނާގޮތުގައި ލިޔެލާ ޖެހުމުގެ މަސައްކަތުގައި އޭނާ އަތްހާކާލީ ވެސް އުމުރުން އެންމެ 12 އަހަރުގައެވެ. އެހިސާބުން އޭނާގެ މަސައްކަތުގެ ހުނަރު ގާތްތިމާގެ މީހުންނާއި ބައްޕައަށް ފާހަގަވި އެވެ. އެއީ 1983 ވަނަ އަހަރެވެ.

"ބޭބެއެއް އިނީ އެމަސައްކަތް ކުރަން އިނދެފައި ތެދުވެގެން ދިޔަތަން ބަލަންހުރެފައި ގޮސް އެއްޗެއް ލިޔެލީ. އެހިސާބުން ބޭބެއަށް އެތަން ފެނިގެން ބުނެފި ތިހުރީ ދަސްވެފައެއްނޫންހޭ،" ސޯލިހް އޭނާގެ ލިޔެލާ ޖެހުމުގެ ހުނަރު ދަސްވި ގޮތާއި ބެހޭގޮތުން ބުންޏެވެ.  

އޭނާގެ ޅައުމުރުގައި މަންމަ ނިޔާވުމާއެކު ނިކަމެތިވެ، އާމްދަނީ ހޯދަން މަސަކަތް ކުރަން ދިރިއުޅުމުގެ ހާލަތު ނިޔާކުރިއެވެ. އެހިސާބުން އެންމެ ބޮޑު ހިތްވަރެއް ލިބުނީ އޭނާގެ ބައްޕަގެ ފަރާތުން ކަމަށް ސޯލިހް ބުންޏެވެ.

"ވަރަށް ކުޑައިރު މަންމަ ނިޔާވެއްޖެ. މަންމަ ނިޔާވުމަކީ ވަރަށް ނިކަމެތިކަން ލިބޭނެ ކަމެއް. އެހިސާބުން ބައްޕަ ބުނެފި އާމްދަނީ ލިބޭނެ މަސައްކަތެއް ކުރަން ފަށަން،" ސޯލިހް ބުންޏެވެ.

ބައްޕަގެ ހިތްވަރާއެކު ލިޔެލާ ޖެހުމުގެ ހުރިހާ ހުނަރެއް އޭނާ ދަސްކުރީ ސީދާ ބައްޕަގެ ގާތުންނެވެ. އަދި މިއަދު އޭނާއަށް މި ހިސާބަށް އާދެވުނީ ބައްޕަގެ ބުރަ މަސައްކަތުން ކަމަށް ސޯލިހް ބުންޏެވެ.  

ފުރަތަމަ އާމްދަނީ ހޯދުމަށް، ފެށި މަސައްކަތުން ދެ ފޮށިގަނޑުގެ ތަކެތި ލިޔެލާ ޖަހާ ތައްޔާރުކޮށްފައި ބައްޕަގެ ހަވާލުގައި އޭނާ މާލެ ފޮނުވި އެވެ. އެދެ ފޮށި ގަނޑުގައި ހުރި ތަކެތި ވިއްކާލީ ފަސް ދޮޅަސް ރުފިޔާއަށެވެ. ނަމަވެސް އެވަގުތު އެތަނުގައި ހުރި ފަތުރުވެރިއަކު ބޭނުންވެގެން ފޮށިގަނޑުން ލިޔެލާ ޖެހި އެއްޗެއްނަގައި އެތަކެތި ގަތް ދިވެހި މީހާ 60 ޑޮލަރަށް އޭތި ވިއްކާލިތަން ސޯލިހްގެ ބައްޕައަށް ފެނުނެވެ.

"އޭރުގައި އެކަން އެގޮތަށް އެމީހުން ކުރީ. އެފައިސާ ވެސް އަޅުގަނޑުމެންނަށް ލިބެނީ އެއްފަހަރާ އެއްނޫން. 60 ރުފިޔާ ވެސް ލިބެނީ ބައިބަޔަށް. އެކަމަކު އެއީ އޭރަށް ބަލާއިރު ވަރަށް ބޮޑު އެއްޗެއް،" ސޯލިހް ބުންޏެވެ.

ރަށުގައި ހުރެ ކުރަން ފެށި ލިޔެލާ ޖެހުމުގެ މަސައްކަތުން އޭނާގެ މުޅި އާއިލާ ބެލެހެއްޓި އެވެ. މިއަދު އޭނާ އެންމެ ފަޚުރުވެރިވާ އެއްކަމަކީ ވެސް އެއީ އެވެ.

"މި މަސައްކަތް ކޮށްގެން ތިން ދަރިންނަށް ކިޔަވަދީ ގޭގެ ހުރިހާ ކަމެއް ބެލެހެއްޓީ. އެކުދިން ވަރަށް ރަނގަޅު ކުދިންގެ ގޮތުގައި ބޮޑުވުމަކީ މިއަދު އެންމެ އުފާވާ ކަންތައް،"

ސޯލިހް ބުނި ގޮތުގައި 2014 ވަނަ އަހަރާ ހަމައަށް ރިސޯޓު ވަޒީފާއަކަށް ދަންދެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެލާއިން ހަދާތަކެތި ތައްޔާރުކޮށްދިނީ އޭނާއާއި އޭނާގެ ބޭބެއެވެ.

މިއަހަރު 56 އަހަރުފުރޭ ސޯލިހް މިހާރު ވަޒީފާ އަދާކުރަނީ ކަނުހުރާ ރިސޯޓުގަ އެވެ. ކޮންމެ އަހަރަކު ވެސް އާ ކުރާ އެއްބަސްވުމެއްގެ ދަށުން ކަނުހުރާ ރިސޯޓުގައި ބޭނުން ކުރާ އަދި ގެސްޓުންނަށްދޭ އަތްތެރި މަސައްކަތުގެ ހުރިހާ މަސައްކަތެއް ކުރަނީ އޭނާއެވެ.

"ރިސޯޓު މެނޭޖްމަންޓްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ. ހާއްސަކޮށް ކަނުހުރާ ރިސޯޓިގެ ޑިރެކްޓާރ އޮފް އޮޕަރޭޝަން މުހައްމަދު ރިޒާ. އަދި މި މަސައްކަތުގައި ކުރިއަށްދާން ހިތްވަރުދީ އެހީތެރިވެދޭ އޯގާ ރިސޯޓުގެ ޖެނެރަލް މެނޭޖާ ސާމީ ސައީދުގެ ނަން ފާހަގަކުރަން،" ސޯލިހް ބުންޏެވެ.

އޭނާ ވަނީ މި މަސައްކަތުގައި ހޭދަ ކުރި ދިގުމުއްދަތުގައި އެތައް ބަޔަކަށް މި މަސައްކަތް ދަސްކޮށްދީފަ އެވެ. އެގޮތުން މިހާތަނަށް 233 މީހުންނަށް ލިޔެލާ ޖެހުމުގެ މަސައްކަތް ދަސްކޮށްދިން ނަމަވެސް އެކަން ރަނގަޅަށް ކޮށްއުޅެނީ މަދުބަޔަކުކަން އސޯލިހް ހިތާމައަކާ ފާގަކުރެއެވެ.

ސޯލިހް ދެކޭ ގޮތުގައި މި މަސައްކަތް ކުރާ ކިތަންމެ ގިނަ ބަޔަކު ތިބި ނަމަވެސް މަސައްކަތުގެ ކޮލިޓީ ދަނީ ދަށަށެވެ.

"މަސައްކަތް ދަނީ ދަށަށް. އަސްލު ލިޔެލާ އެއް މިހާރު ވަރަށް ނުފެނޭ. ކޮޕީ ކުރުން ވެސް އޮވޭ. ކޮޕީ ކުރާއިރު ވެސް އެކަން ވަރަށް ދަށް،" ސޯލިހް ބުންޏެވެ.

އޭނާ މިއަދު މި މަސައްކަތުން ނުލިބޭ އުފަލެއް ނެތްއިރު، އޭނާ ބޭނުންވަނީ މި މަސައްކަތް ދިރުވާއާލާ ކުރާނެ ރަނގަޅު ބަޔަކު އުފެދުމެވެ. ހާއްސަކޮށް އިހުގެ ލިޔެލާގެ އުފެއްދުންތައް އެގޮތުގައި ފެންނަން އޮތުމެވެ. އަދި މިމަސައްކަތުގައި ގިނަ ދިވެހިން ހަރަކާތްތެރިވުމަކީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހެވެ.

 

 

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް