ދިވެހިންގެ މައުރަޒުގެ ކުލަ ރީތިކޮށްލީ، ދިވެހި ވަންތަ މި ހެދުންތައް
މިދާއިރާއިން އެތައް ވަނަތަކެއް އާސި ވަނީ ހާސިލުކޮށްފަ އެވެ. އަދި ފަންނުވެރިންގެ މިފަދަ މައުރަޒު ތަކުން އަބަދުވެސް އޭނާގެ ހުނަރުދައްކާލުމަށް އާސި ބޭނުންވެއެވެ. އެގޮތުން މިފަހަރު ވެސް މުރަކަ ބަގީޗާގެ ނަމުގައި ހުށަހެޅުމެއް އޭނާ ވަނީ ހުށަހަޅާފަ އެވެ. ފަހާފޮށީގެ އިތުރުން ވޫލާއި ތިނޯހާއި ނަރާއި އެމްބްރޮއިޑަރީ މަސައްކަތްތަކުގެ އިތުރުން ވެސް ފުރިހަމަ އެތައް މަސައްކަތްތަކެއް އާސިގެ މުރަކަ ބަގީޗާއިން ދައްކުވައިދީފައިވެއެވެ. ދިވެހިރާއްޖޭގެ ރީތިކަން ދައްކުވައިދޭ މި މަސައްކަތުގައި ފަހާފޮށިން ފަށުވި ރޮދިން ކޮށްފައިވާ މަސައްކަތައް އެކަނިވެސް އޭނާވަނީ 13 ގަޑިއިރު ހޭދަކޮށްފަ އެވެ.
ފެޝަން ޝޯއަށް ތައްޔާރުވާން އޭނާއަށް ލިބުނީ އެންމެ ފަސް ދުވަހެވެ. ނޫނެކޭ ބުނުމުގެ ބަދަލުގައި ލިބުނު ކުރު މުއްދަތުގެ ބޭނުން ހިފައި، ތަޖުރިބާކާރު ފެހުންތެރިޔާ އާސިމާ އަބުދުލްޣަނީ (އާސި)ވަނީ ދިވެހި އުފެއްދުންތެރިންގެ މައުރަޒުގައި އޭނާގެ އަތުގައި ހުރި ހެދުންތައް ހިފައިގެން ނުކުމެ އާންމުންނަށް ހުނަރު ދައްކާލާފައެވެ. އެގޮތުން 23 މޮޑެލުން ބޭނުންކޮށްގެން ތިން ކަލެކްޝަނެއް އޭނާ ހުށަހަޅައިދިނެވެ.
"ވަރަށް ތަރުހީބު ލިބުނު. ވަރަށް ގިނަ މީހުންނަށް ހެދުންތައް ކަމުދިޔަ" އާސި ބުންޏެވެ.
މިހާރު ކުރިއަށްދާ ދިވެހި އުފެއްދުން ތެރިންގެ މައުރަޒުގައި އޭނާ ދައްކާލި ދިވެހި ވަންތަ ރީތި ހެދުންތަކެވެ. ޒަމާނީ ކުލަ ވަރު ބައެއް ހެދުންތަކުން ފެނުނު ނަމަވެސް އާސި އަކީ ދިވެހި ސަގާފީ ހެދުން އޭގެ އަސްލު ނުގެއްލޭ ގޮތަށް ފަރުމާ ކުރާ ކުޅަދާނަ ހުނަރުވެރިއެކެވެ. އެކަން ބޯވަޅު އެޅި ލިބާސްތަކާއި ދިގުހެދުންތަކުން ފެނެއެވެ.
އުމުރުން ނުވަ އަހަރުން ފެށިގެން ފެހުމުގެ ތެރޭ އުޅެން ފެށި އާސި އާމްދަނީ ލިބޭ ގޮތަށް 14 އަހަރުގައި މީހުންނަށް ހެދުން ފަހައިދޭން ފެށިއެވެ. ސްކޫލަށްދަމުން ވެސް އޭނާ މީހުންނަށް ހެދުން ފަހައިދީ އުޅުނެވެ.

"އަޅުގަނޑު ވަރަށް ކުޑައިރުންފެށިގެން ވެސް ފަހަން. ގޭތެރޭގައި މަންމަ ފަހާތަން އަބަދުވެސް ފެނޭ،"
މިއަދު އޭނާއަކީ ހަމައެކަނި ފެހުންތެރިއެއްނޫނެވެ. މާޖެހުމާއި އެމްބްރޮއިޑަރީ މަސައްކަތުން ފެށިގެން ގޮސް ކަރުދާހުން އެއްޗެހި ހެދުމާއި މި މަސައްކަތް އެހެން މީހުންނަށް ދަސްކޮށްދީ ކިޔައިދޭ އެދުރެއްވެސް މެއެވެ.
ހުރިހާ ޝުކުރެއް ހައްގުވަނީ އޭނާގެ މަންމަ އަށެވެ. އާސިގެ މަންމަކައިރިން ދަސްކުރި ފެހުމުގެ ހުނަރު އޭނާވަނީ އެތަށް ހަރުފަތެއް މައްޗަށް ޖައްސާފަ އެވެ.
މިއަދު އޭނާވަނީ ފޭރާން ކްރާފްޓްގެ ނަމުގައި ރަޖިސްޓްރީކޮށް މިވިޔަފާރި އިތުރަށް ފުޅާކޮށްފަ އެވެ.
އޭނާ އަންނަނީ ލިބިފައި ހުރި ހުނަރުގެ ބޭނުންކޮށް ހެދުން ފެހުމުގެ އިތުރުން އެތައް ކުދިންނަކަށް މިހުނަރުތައް ކިޔަވައިދެމުންނެވެ.
"އަޅުގަނޑު އެންމެ ކުރާ ހިތްވާ ކަންތައް އެއީ ފެހުމުގެ އިތުރުން ކިޔަވައިދިނުން. ވަރަށް ގިނަ ކުދިންނަށް ކިޔަވައިދެވިއްޖެ. މިހާރު ވެސް މި ދަނީ ސްކޫލްތަކުގައި ވެސް ކްލާސްތައް ހިންގަމުން،"

މާލޭއާއި ރާއްޖޭގެ ރަށްތަކުގެ އިތުރުން ރިސޯޓުތަކުގައި ވެސް އެތައް ވޯކްޝޮޕްތަކެއް އޭނާ ހިންގައެވެ. ހަމައެކަނި ފެހުމުގަ އެއްނޫނެވެ. ރިސައިކަލް ކުރުމާއި ފަހާފައި ބާކިވާ ފޮތި އެއްލާލުމުގެ ބަދަލުގައި އެފޮތިތައް ބޭނުންކޮށްގެން އެއްޗެހި އުފައްދާނެ ގޮތް އާސި އަންނަނީ ކިޔަވައިދީ ދަސްކޮށް ދެމުންނެވެ.
މި މަސައްކަތުގައި 30 އަށްވުރެ ގިނަ ދުވަސްވީ ތަޖުރިބާކާރު ހުނަރުވެރިޔާ، ފާހަގަ ކުރާ ގޮތުގައި އޭނާ އެންމެ އިސްކަމެއް ދެނީ ސަގާފީ ހެދުންތައް އޭގެ އަސްލުނުގެއްލޭ ގޮތަށް ފަހަން ދަސްކޮށްދިނުމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އަސްލު އެނގިގެންނޭ މޮޑާންކޮށް އެ ހެދުމެއް ފަހަން އެނގޭނީ. ކަސަބު ލިބާހުގައި ރީތިކޮށް އެންމެ ކުރީގައި ހުންނަ ގޮތަށް އަދި ދިގުހެދުން ވެސް ފިތްތައް ނަގާފައި ރީތިކޮށް ބައްޓަމަށް ފެހުމަށް ދަސްކޮށްދޭން އަޅުގަނޑު އިސްކަންދެނީ،" އާސި ފާހަގ ކުރިއެވެ.

މިދާއިރާއިން އެތައް ވަނަތަކެއް އާސި ވަނީ ހާސިލުކޮށްފަ އެވެ. އަދި ފަންނުވެރިންގެ މިފަދަ މައުރަޒު ތަކުން އަބަދުވެސް އޭނާގެ ހުނަރުދައްކާލުމަށް އާސި ބޭނުންވެއެވެ. އެގޮތުން މިފަހަރު ވެސް މުރަކަ ބަގީޗާގެ ނަމުގައި ހުށަހެޅުމެއް އޭނާ ވަނީ ހުށަހަޅާފަ އެވެ. ފަހާފޮށީގެ އިތުރުން ވޫލާއި ތިނޯހާއި ނަރާއި އެމްބްރޮއިޑަރީ މަސައްކަތްތަކުގެ އިތުރުން ވެސް ފުރިހަމަ އެތައް މަސައްކަތްތަކެއް އާސިގެ މުރަކަ ބަގީޗާއިން ދައްކުވައިދީފައިވެއެވެ. ދިވެހިރާއްޖޭގެ ރީތިކަން ދައްކުވައިދޭ މި މަސައްކަތުގައި ފަހާފޮށިން ފަށުވި ރޮދިން ކޮށްފައިވާ މަސައްކަތައް އެކަނިވެސް އޭނާވަނީ 13 ގަޑިއިރު ހޭދަކޮށްފަ އެވެ.
މިހުރިހާ ވަގުތަކާއެކު ވެސް ތައްޔާރުކުރި ހިތްގައިމު "މުރަކަ ބަގީޗާ" އާއެކު އާސި ހުރީ އުފަލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް