މޯލްޑިވްސް އެކްސްޕޯ

ތާރީހުން މިންވަރެއް: މި މޮޑެލްތަކުން ފެންނަނީ އިހުގެ މާލޭގެ ހަނދާންތައް

އެކްސްޕޯގެ ތެރެއިން ފެންނަން ހުރި ތާރީޚީ މައުލޫމާތުތަކަކީ ހަމައެކަނި މިއަދުގެ ޖީލަށް މުހިންމު ވާހަކަތަކެއް ނޫނެވެ. އިހުގެ މާލެގައި ހުރި އެ ތަންތަން ލޮލުން ނުފެންނަ، މިހާރު އުމުރުން 40 ގެ އަހަރުތައް ގުނަމުންދާ މީހުންނަށް ވެސް މި ތާރީޚާއި މި ވާހަކަތައް މުހިންމެވެ.

05 November 2026
މާލޭގެ ތާރީހީ ބިނާއެއް ކަމަށްވާ މެދު ޒިޔާރާތުގެ މޮޑެލްއެއް
މާލޭގެ ތާރީހީ ބިނާއެއް ކަމަށްވާ މެދު ޒިޔާރާތުގެ މޮޑެލްއެއް

 ހޯލުތެރެއަށް ވަދެގެން ދިޔައިރު ފެންނަމުންދިޔައީ މީގެ އެތައް ސަތޭކަ އަހަރެއް ކުރީގެ ތާރީޚީ ވާހަކަތަކެވެ. ރަސްކަމުން ފެށިގެން ރަސްރަނިންގެ ވާހަކަތަކާއި، އެ ރަސްކަންތައް ފެށުނު ތާރީހުން ފެށިގެން ނިމި އަނެއް ރަސްކަން ފެށިގެން އައި ގޮތުގެ ތަފުސީލުތަކެވެ.

 ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮކްޓޯބަރު 25 އިން ނޮވެންބަރު 2 އަށް ކުރިއަށްދިޔަ މޯލްޑިވްސް އެކްސްޕޯ 2026 ގެ ތެރެއިން، ނަވާރަސަތޭކައިގެ ކުރިން އިހުގެ މާލެގައި ހުރި މުހިންމު ބިނާތަކާއި ގައުމީ ތާރީޚުގެ މުހިންމު ހަނދާންތައް ވަނީ ދައްކާލާފައެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު މައުރަޒުގެ ގޮތުގައި ފާހަގަކުރެވޭ މި އެކްސްޕޯ އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރި މި މައުރަޒުގައި ދިވެހިންގެ އީޖާދީ ފަންނުވެރިކަމާއި އުފެއްދުންތެރިކަމުގެ އިތުރުން ސަގާފަތާއި ތާރީޚަށް ހާއްސަ ޖާގައެއް ދީފައިވެއެވެ.

އެކްސްޕޯގެ ތެރެއިން ފެންނަން ހުރި ތާރީޚީ މައުލޫމާތުތަކަކީ ހަމައެކަނި މިއަދުގެ ޖީލަށް މުހިންމު ވާހަކަތަކެއް ނޫނެވެ. އިހުގެ މާލެގައި ހުރި އެ ތަންތަން ލޮލުން ނުފެންނަ، މިހާރު އުމުރުން 40 ގެ އަހަރުތައް ގުނަމުންދާ މީހުންނަށް ވެސް މި ތާރީޚާއި މި ވާހަކަތައް މުހިންމެވެ.

ދިވެހިބަހާއި ތާރީޚަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ލިޔުންތަކުން އެނގޭ ގޮތުގައި، މާލެއަކީ އެވޭލާ ޒަމާނުއްސުރެ ރަސްރަސްކަލުން ރަސްކަން ކުރެއްވި މަރުކަޒެވެ. މީލާދީން 17 ވަނަ ގަރުނުގައި އައްސުލްތާން މުހައްމަދު އިމާދުއްދީން އެއްވަނަ މާލެ ވަށައިގެން ބޮޑުފާރާއި ބުރުޒުތައް ބިނާކުރެއްވިއިރު، ކުރީގެ ގަނޑުވަރުގެ ބޮޑު ބައެއް 1960 ގެ އަހަރުތަކުގެ ތެރޭގައި ވަނީ ތަޅާލާފައެވެ.

މިފަހަރުގެ އެކްސްޕޯގެ ތެރެއިން މި ވާހަކަތައް ކިޔާލަން ޒިޔާރަތްކުރި މީހުންގެ ތެރޭގައި ނޫކަށިފުރައިގެ އެތައް ޒުވާނުންނަކާއި މި ޖީލުގެ އެތައް ކުދިންނެއް ހިމެނެއެވެ.

އިހުގެ މާލޭގެ މިފަދަ އާސާރީ ބިނާތަކުގެ ތެރެއިން މިއަދާ ހަމައަށް ފެންނަން ހުރި އެންމެ ދުވަސްވީ އެއް ބިނާއަކީ މީލާދީން 1658 ގައި ބިނާކުރި ހުކުރު މިސްކިތް އަދި 1675 ގައި ބިނާކުރި އެ މިސްކިތުގެ މުންނާރެވެ. ހިރިގަލުގެ ފުރިހަމަ ކެނޑުންތަކާއި ލިޔެލާޖެހުމުގެ ފަންނުވެރިކަން ދައްކުވައިދޭ މި މިސްކިތަކީ ދިވެހި ކާބަފައިންގެ ހުނަރުވެރިކަމުގެ ހެއްކެކެވެ.

މި ތާރީހީ ބައިތަކަށް ޒިޔާރަތްކުރި ޔުނިވަސިޓީގައި ކިޔަވާ ދަރިވަރަކު ބުނި ގޮތުގައި، މިއީ މިފަދަ އެކްސްޕޯއެއްގައި ކޮންމެހެން ވެސް ހިމަނަންޖެހޭ ބައެކެވެ. އަދި މިފަދަ މައުރަޒުތަކުން އާންމުކޮށް ކިޔާލަން ނުލިބޭ އެތައް މައުލޫމާތެއް މި ފަހަރު ލިބިގެންދިޔަ ކަން އޭނާ ފާހަގަކުރިއެވެ. ހާއްސަކޮށް ދިވެހި ތާރީޚުން މިންވަރެއް ދަސްވި ކަމަށް އެ ދަރިވަރު ބުންޏެވެ.

ޒަމާނީ އީޖާދުތަކާއި ވިޔަފާރީގެ އުފެއްދުންތަކުގެ ތެރެއިން ގައުމުގެ މާޒީއަށް މިފަދަ ޖާގައެއް ދިނުމަކީ، ޒުވާން ޖީލާއި ގައުމީ ތަރިކައާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ. ފޮތްތަކުގެ ސަފުހާތަކުން ނުވަތަ ކިޔައިދޭ ވާހަކަތަކުން އެކަނި އަޑުއިވިފައިވާ ރަސްރަސްކަލުންގެ ދައުރުތަކާއި، މިހާރު ފެންނަން ނެތް އިހުގެ ބިނާތަކުގެ މައުލޫމާތު އެއް ފުރާޅެއްގެ ދަށުން ފެންނަން ހުރުމުން، ދަރިވަރުންނާއި ޒުވާނުންނަށް މިގައުމުގެ ތާރީޚު އޮޅުންފިލުމަށް މަގުފަހިވެއެވެ.

އެކްސްޕޯގެ ހޯލުތެރެއިން ކިޔާލަން ލިބުނު މާޒީގެ މި ސަފުހާތަކުން، ޒިޔާރަތްކުރި ޒުވާނުންނަށް ވަނީ ދިވެހި ތާރީހުން މުހިންމު މިންވަރެއް އުނގެނުމުގެ ފުރުސަތު ލިބިގެންގޮސްފައެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް