ގަތުލުއާންމާއި ދައުލަތަށް ޣައްދާރުވުން ކުށަކަށް ހަދަން ހުށަހެޅި ބިލު ސަރުކާރުން އަނބުރާ ގެންގޮސްފި
ގަތުލުއާންމު ހިންގުމާއި ދައުލަތަށް ޚިޔާނާތްތެރިވުން ޖިނާއީ ބޮޑު ކުށަކަށް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންގޮސްފިއެވެ.
ގަތުލުއާންމު ހިންގުމާއި ދައުލަތަށް ޚިޔާނާތްތެރިވުން ޖިނާއީ ބޮޑު ކުށަކަށް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އަނބުރާ ގެންގޮސްފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި ބިލު އަނބުރާ ގެންދިޔައީ، އިއްޔެއާއި މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނުމަށްފަހުގައެވެ.
މި ބިލަކީ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ ބިޔަ މަޝްރޫއަށް މަގުފަހިކުރުމަށާއި، އެ މަޝްރޫއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ގެންނަން އުޅުނު ބަދަލެއް ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.
ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ މިއީ ރާއްޖެއިން 1984 ވަނަ އަހަރު ބައިވެރިވި ބައިނަލްއަގުވާމީ ޖެނޮސައިޑް ކޮންވެންޝަނުން ލާޒިމުކުރާ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި ވޭތުވެދިޔަ 42 އަހަރު އެ ބަދަލު ނުގެނެސް އޮތުމަކީ، މުސްލިމުންގެ ހައްގުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (ICJ) ގައި ހިނގަމުންދާ "ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިޒްރޭލު" މައްސަލަތަކަށް ރާއްޖެއިން ތަދައްހުލުވެ ވަކާލާތުކުރާއިރު ރާއްޖޭގެ ގާނޫނީ ބުރަދަން ކުޑަވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަނބުރާ ގެންދިޔަ ބިލުގައި ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތެއްގެ ބަޔަކު މެރުމާއި، ޖިސްމާނީ ނުވަތަ ނަފުސާނީ ބޮޑެތި އަނިޔާތައް ދިނުމާއި، އެފަދަ ބަޔަކު ނައްތާލުމުގެ ގަސްތުގައި ދަތި ދިރިއުޅުމުގެ ހާލަތްތައް ކުރިމަތިކުރުވުމުގެ އިތުރުން ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތްތަކަށް ބަދަލުކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މިއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ހިމަނައި، އަސާސީ އަދަބަކަށް 10 އަހަރުގެ ޖަލު ހުކުމެއް އަދި އެންމެ ބޮޑު އަދަބަކަށް 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅާފައިވެއެވެ.
މި ކުށް ކުރީ ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، މަޖިލިސް މެންބަރުން، ފަނޑިޔާރުން، ނުވަތަ ސަލާމަތީ ޚިދުމަތްތަކުގެ ކޮމާންޑަރުން ފަދަ އިސް މަގާމެއްގައި ހުރި ފަރާތެއް ނަމަ، އަދަބު އެންމެ މަތީ ދަރަޖައަށް އުފުލޭ ގޮތަށް އޮތެވެ. އަދި ވެރިއެއްގެ އަމުރަށް ތަބާވުމަކީ ޝަރީއަތުގައި ދިފާއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް