ފަލަސްތީނުގެ ޒުވާން ޓީމު ގުރައިދޫގައި ކޭމްޕްކޮށްފި
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ 17 އަހަރުންދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ކ. ގުރައިދޫގައި ޓްރޭނިން ކޭމްޕް ފަށައިފިއެވެ.
އޭއެފްސީ 17 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުގެ 17 އަހަރުންދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ކ. ގުރައިދޫގައި ޓްރޭނިން ކޭމްޕް ފަށައިފިއެވެ.
ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޭމްޕަށް ފަލަސްތީނު ޓީމު ރާއްޖެ އައީ މިއަދު މެންދުރުފަހުއެވެ. އަދި ހަވީރުގެ ވަގުތެއްގައި އެ ޓީމު ގުރައިދުއަށް ދިއުމުން، އެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ބަނދަރު ސަރަހައްދުގައި ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ފަލަސްތީނު ޓީމުގެ މައިގަނޑު ފަރިތަކުރުންތައް އޮންނާނީ ގުރައިދޫގެ ފުޓްބޯޅަ ދަނޑުގައެވެ. އެ ޓީމު ރާއްޖޭގައި ތިބުމާއި، ކެއުމާއި، އަދި އެތެރޭގެ ދަތުރުފަތުރުގެ ހުރިހާ ޚަރަދެއް ހަމަޖައްސަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ސަރުކާރު އަދި ގުރައިދޫ ކައުންސިލް ގުޅިގެންނެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގެ 17 އަހަރުންދަށުގެ ގައުމީ ޓީމާ ދެކޮޅަށް ފަލަސްތީނު ޓީމުން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގެ ގަލޮޅު ރަސްމީ ދަނޑުގައެވެ.
އަންނަ މަހުގެ 8 އިން 20 އަށް އިންޑިއާގައި ކުރިއަށްދާ ކޮލިފައިންގައި ވާދަކުރުމަށް ފަލަސްތީނު ޓީމު ރާއްޖޭން ފުރާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ. އެ ގުރޫޕުގައި ހިމެނެނީ ފަލަސްތީނާއި، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ގުއާމެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތައިލެންޑުގައެވެ. މި ގުރޫޕުގައި ދިވެހިރާއްޖެއާއި ތައިލެންޑުގެ އިތުރުން ހިމެނެނީ އިރާގު، ހޮންކޮން އަދި ޗައިނީޒް ތައިޕޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް