ދައުލަތުން ނުލިބި ހުރި ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކެނޑޭނެ ނިޒާމެއް ހަމަޖައްސައިފި
ދައުލަތުގެ އިދާރާތަކުން ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައިވާ ނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއިން އެ އަދަދު އަޅައިކެނޑޭނެ (އޮފްސެޓް ކުރެވޭނެ) އިންތިޒާމު ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ދައުލަތުގެ އިދާރާތަކުން ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ނުލިބި ލަސްވެފައިވާ ނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއިން އެ އަދަދު އަޅައިކެނޑޭނެ (އޮފްސެޓް ކުރެވޭނެ) އިންތިޒާމު ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުން ލިބެންޖެހޭ ފައިސާ ޓެކުހާ އަޅައިކަނޑަން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ބިލްތަކުގެ ތަފްސީލާއެކު މީރާއަށް ހުށަހެޅުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. މިއީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.
ސަރުކާރުން އެ ވިޔަފާރިއަކަށް ދޭންޖެހޭ ފައިސާއަށް ވުރެ މީރާއަށް ދައްކަންޖެހޭ ޓެކްސް އިތުރުވާ ނަމަ، ސަރުކާރުން ލިބެންޖެހޭ މިންވަރު އަޅައިކެނޑުމަށްފަހު ބާކީވާ އަދަދު ވިޔަފާރިން މީރާއަށް ދައްކަންޖެހޭނެއެވެ.
މީރާއަށް ދައްކަންޖެހޭ ޓެކުހަށް ވުރެ ސަރުކާރުން އެ ފަރާތަށް ދައްކަންޖެހޭ ފައިސާ ގިނަވާ ނަމަ، ޓެކްސް އަޅައިކެނޑުމަށްފަހު ބާކީވާ ފައިސާ ދައުލަތުން އެ ވިޔަފާރިއަކަށް ޚަލާސްކޮށްދޭނެއެވެ.
މި ބަދަލަކީ ސަރުކާރުގެ އެކި މަޝްރޫއުތައް ނިންމުމަށްފަހު ފައިސާ ނުލިބި ލަސްވާއިރު ވެސް، މީރާއިން ޓެކްސް ނުދައްކައިގެން ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުންދާތީ ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި ވިޔަފާރިވެރިން އެދުނު އެދުމަށް ރިއާޔަތްކުރައްވައި، ސަރުކާރުން ނުދީ ލަސްވާ ފައިސާއިން ޓެކްސް އުނިކުރެވޭނެ ހަރުދަނާ އުސޫލެއް ގާއިމުކޮށްދެއްވާނެކަން ރައީސް މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް