ހަބަރު

ހޯމް-ސްކޫލިން ތައާރަފްކުރަނީ އަންހެން ކުދިން ތައުލީމުން މަހްރޫމްކުރާކަށް ނޫން: މެންބަރު ހުސްނީ

ތައުލީމީ ގާނޫނަށް ހޯމް-ސްކޫލިން ތައާރަފްކުރުމަށް އިސްލާހު ގެންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވާ ފަދަ ކަންކަމަށް މަގުފަހިވާ ގޮތަށް ނޫން ކަމަށާއި، އެއީ ސްކޫލެއްގައި ރަޖިސްޓްރީނުކޮށް ކުދިން ނިޒާމުން ބޭރުކޮށްލާ ގޮތަށް ހަދާ އުސޫލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް މިއަދު ވިދާޅުވެއްޖެއެވެ.

02 November 2026

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ އަދި ސިއްހީ ޚާއްސަ ހާލަތެއްގެ ސަބަބުން ސްކޫލަށް ހާޒިރުވާން ދަތިވާ ކުދިން ގޭގައި ބައިތިއްބައިގެން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅުވައިގެން، ރައީސް ނަޝީދު ވަނީ އެއީ އަންހެން ކުދިން ތައުލީމުން މަހްރޫމްކޮށް ގޭގައި ބަންދުކުރަން ގެންނަ "ޖާރިޔާ ބިލެއް" ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

މެންބަރު ހުސްނީ ވިދާޅުވީ ނަޝީދުގެ އެ ތުހުމަތުތަކަކީ ހަގީގަތާ ޚިލާފު، ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. ހޯމް-ސްކޫލިންގެ މާނައަކީ އެއްވެސް ބެލެހެއްޓުމެއް ނެތި ކުދިން ދޫކޮށްލުމެއް ނޫނެވެ. ދަރިވަރުން ތިބޭނީ ސްކޫލެއްގައި ރަޖިސްޓްރީވެ، އެ ސްކޫލެއްގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ. އަދި މިފަދަ އުސޫލެއް ކުރީ ސަރުކާރުން 2021 ގައި އެކުލަވާލި އިންކްލޫސިވް އެޑިއުކޭޝަން ޕޮލިސީގައި ވެސް އޮތްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

ގޭގައި ކިޔަވައިދިނުމުން ހަރުކަށި ފިކުރަށް މަގުފަހިވާނެ ކަމަށް ބުނާ ނަމަ، އެއީ ލާދީނިއްޔަތަށް ދިއުމަށް ވެސް މަގުފަހިވާނެ ކަމެއް ކަމަށް ގަބޫލުނުކުރަނީ ކީއްވެތޯ ހުސްނީ ސުވާލު އުފެއްދެވިއެވެ. ކުދިން އެފަދަ އެއްވެސް ފިކުރަކަށް ނުގެންދެވޭނެކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ގާނޫނާއި އޭގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާނެ ކަމަށް ވިދާޅުވިއެވެ.

ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް މަޖިލީހަށް ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ވަނީ މުހިންމު ތަފްސީލުތަކެއް ދެއްވާފައެވެ. މި އިސްލާހުގެ މައިގަނޑު އަސާސަކީ އެކި ސަބަބުތަކާ ހުރެ ސްކޫލަށް ދިއުމުން މަހްރޫމްވެފައިވާ ހުރިހާ ކުދިން ވެސް ތައުލީމީ ނިޒާމުގެ ތެރޭގައި ޝާމިލުކުރުމެވެ.

ހޯމް-ސްކޫލިންއަށް ކޮންމެ މީހަކު އެދުނަސް އެ ފުރުސަތު ނުދެވޭނެއެވެ. އެކަން ހަމަޖައްސައިދޭނީ އެޑިއުކޭޝަނުން ހަދާ ޚާއްސަ އެސެސްމަންޓަކަށް ފަހު، ކަނޑައެޅޭ ޝަރުތުތައް ފުރިހަމަވާ ހާލަތްތަކުގައި އެކަންޏެވެ.. ގާނޫނަށް މި ބަދަލު ގެންނަނީ ހޯމް-ސްކޫލިންގެ ގަވާއިދު ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ވައްދައި، އޭގެ ނާޖާއިޒު ފައިދާ އެއްވެސް ފަރާތަކަށް ނުނެގޭނެ ގޮތަށް ކަންކަން ހަރުދަނާކުރުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް