އެމްޑީޕީއަކީ ވަކި ފަރުދެއް ނޫން، ގައުމީ މަޖިލީހުން އެކަން ސާބިތުކޮށްފި: މީކާއީލް
ހޯމް-ސްކޫލިން ތައާރަފްކުރުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ އިދިކޮޅު އެމްޑީޕީގެ ރަސްމީ ވިސްނުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ސިފަކުރެއްވުމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެކަން ކުށްވެރިކުރައްވައި ރައްދު ދެއްވައިފިއެވެ.
ހޯމް-ސްކޫލިން ތައާރަފްކުރުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ އިދިކޮޅު އެމްޑީޕީގެ ރަސްމީ ވިސްނުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ސިފަކުރެއްވުމުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެކަން ކުށްވެރިކުރައްވައި ރައްދު ދެއްވައިފިއެވެ.
ތައުލީމުގެ ގާނޫނަށް ހޯމް-ސްކޫލިން ހިމެނުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި، ނަޝީދުގެ ވާހަކަތަކަށް އިޝާރާތްކުރައްވައި ޕީއެންސީގެ މެންބަރު ޝުޖާއު ވިދާޅުވީ، އެމްޑީޕީން ބޭނުންނުވާ ކޮންމެ އިސްލާހަކަށް އެ ޕާޓީން ދެކޮޅުހަދާނެ ކަމަށާއި، ބިލަކަށް "ޖާރިޔާ ބިލް" ފަދަ ނަންނަން ކިޔުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
ޝުޖާއުގެ ތުހުމަތުތައް ކުށްވެރިކުރައްވަމުން މީކާއީލް ވިދާޅުވީ، އެމްޑީޕީއަކީ ވަކި ފަރުދެއް ނޫން ކަމަށާއި އެއީ އާންމު މެންބަރުންގެ ޕާޓީއެއް ކަމަށެވެ. އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މީކާއީލް އަލިއަޅުއްވާލެއްވީ، ރަސްމާލޭގެ އީގަލް ހިލްސް މަޝްރޫއަށް ނަޝީދު ތާއީދުކުރެއްވި ނަމަވެސް، އެ މަޝްރޫއާ ދެކޮޅަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ 57 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރި ގަރާރަށެވެ.
ނަޝީދުގެ ވިސްނުންފުޅަކީ މުޅި އެމްޑީޕީގެ ވިސްނުން ކަމަށް ބުނާތީ ދެކޮޅުހެއްދެވި ނަމަވެސް، މީކާއީލް ވެސް ވަނީ އެ ބިލާ މެދު ސުވާލު އުފައްދަވައި ސަރުކާރަށް ތުހުމަތުތަކެއް ކުރައްވާފައެވެ: މި ބިލަކީ ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި މަޝްވަރާތައް އޮއްބާލުމުގެ ބޭނުމުގައި މި ދަނޑިވަޅުގައި މަޖިލީހަށް ގެނައި ބިލެއް ކަމަށް ވިދާޅުވިއެވެ.
މި އިސްލާހުގެ އަނެއް ބޭނުމަކީ ރަސްމާލެ މަޝްރޫއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދާ ދީނީ ޖަމިއްޔާތަކުގެ އަޑު ކަނޑުވާލުން ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް