ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލަ ބަލަން ރައީސް ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ކުރިއަށްދިޔަ ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނީ ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށް ބައިނަލްއަގުވާމީ މާހިރުން ލަފާދީފައިވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ކުރިއަށްދިޔަ ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނީ ކުރީ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށް ބައިނަލްއަގުވާމީ މާހިރުން ލަފާދީފައިވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ޚާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެކުލަވާލި މި ކޮމިޝަން ދެމިއޮންނާނީ އޭގެ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެނެވެ. މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން ރައީސް މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އިއުލާނުކުރައްވާފައެވެ.
ކޮމިޝަނުގެ މެންބަރުން:
މި ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސަވާފައިވަނީ ކަށިމާ އަހުމަދު ޝާކިރެވެ. ކޮމިޝަނުގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
އަބްދުލް އަޒީޒް ޔޫސުފް
ޑރ. އާމިނަތު ޝާފިޔާ އާދަމް
ޑރ. އަބްދުލް މުހުސިން މުހައްމަދު
ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސޯދިގު
އަހުމަދު އަލީ މަނިކު
ފާތިމަތު މިންހަތު އިއްޒަތު
ކޮމިޝަނާ މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތުތައް:
ހުރިހާ މަރުހަލާތަކެއް ތަހުގީގުކުރުން: އިޓްލޮސްއަށް މައްސަލަ ހުށަހެޅި ހިސާބުން ފެށިގެން މައްސަލަ ކުރިއަށްދިޔަ ގޮތާއި، ރާއްޖެއިން ޖަވާބުދާރީވި ގޮތުގެ އިތުރުން މައްސަލައާ ގުޅިގެން ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ސީދާ އަދި ނުސީދާ ގޮތުން ނިންމުންތައް ނިންމުމުގައި ބާރު އޮތް ފަރާތްތަކުން އަމަލުކުރި ގޮތް އިންސާފުވެރިކަމާއެކު ބަލައި ތަހުގީގުކުރުން.
އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުން: މި މައްސަލައިގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބަލައި، ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ މެދު އަޅަން ފެންނަ ގާނޫނީ ފިޔަވަޅުތައް ރައީސަށް ލަފާދިނުން.
ލިޔެކިޔުންތައް ރައްކާކުރުމާއި އިސްލާހީ ފިޔަވަޅުތައް: މައްސަލައިގެ ލިޔެކިޔުންތައް އޭރު ރައްކާކުރި ގޮތް ބަލައި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ އިސްލާހުތައް ހުށަހެޅުން.
މައްސަލައިގެ ފަސްފަހަތް:
ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކޮޅު ހަދަމުން އައި ނަމަވެސް، 2021 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އެ ސްޓޭންޑް ބަދަލުކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައެވެ. ސަރުކާރުން ބުނާ ގޮތުގައި ކަނޑުގެ ސަރަހައްދުން ބައެއް ރާއްޖެއަށް ގެއްލި، ބަހުސުން ރާއްޖެ ބޭރުވާން ޖެހުނީ އެ ސިޓީގެ ސަބަބުންނެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކުރީގެ ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅު ވަނީ އަނބުރާ ގެންނަވާފައެވެ. އަދި އެކަމާ ގުޅިގެން މޮރިޝަސްއިން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފައިވާއިރު، ދޫކޮށްލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ވެސް ހިމެނޭހެން ރާއްޖޭގެ ކަނޑުގެ އިމުގެ ސަރަހައްދު ސަރުކާރުން މިހާރު ވަނީ އަލުން ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް