ހަބަރު

ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓު ދިނުމަށް އާންމު ކޮމިޓީން ފާސްކޮށްފި

ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ.

02 November 2026
ބަޖެޓު ބަހުސްގައި ކޮންމެ މެންބަރަކަށް 15 މިނެޓު ދިނުމަށް އާންމު ކޮމިޓީން ފާސްކޮށްފި

ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ.

ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި މި ނިންމުމަކީ މިދިޔަ އަހަރު ވެސް އަމަލުކުރި އުސޫލެވެ. އެގޮތުން ބަޖެޓުގެ ފުރަތަމަ ބަހުސަށް ކޮންމެ މެންބަރަކަށް 15 މިނެޓު ދިނުމުގެ އިތުރުން، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށް ހަތް މިނެޓު އަދި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ފުރުސަތެއް ލިބިވަޑައިގަންނަވާނެއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ މުހިންމު ތަފްސީލުތައް:

  • ޖުމްލަ ބަޖެޓު: ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި ރެކޯޑު ބަޖެޓު ކަމަށްވާ 64.2 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ.

  • ރިކަރަންޓް ޚަރަދު އިތުރުވުން: ޖުމްލަ ބަޖެޓު ކުޑަވި ނަމަވެސް، ދައުލަތް ހިންގުމުގެ ޚަރަދު (ރިކަރަންޓް ޚަރަދު) ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މިއަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއަށްވުރެ 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

  • އެންމެ ބޮޑު ހޭދައެއް ސިއްހީ ދާއިރާއަށް: އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސިއްހީ ދާއިރާއަށެވެ. އެ ދާއިރާއަށް ޚާއްސަކޮށްގެން 10.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް