ތަރައްގީގެ މައްސަލަތަކުގައި ބަސް ބުނަންވާނީ އެކުވެރި ގައުމުތަކާ ގުޅުން ނުކެނޑޭނެހެން: ޝާހިދު
ތަރައްގީގެ ކަންކަމުގައި ބަސް ބުނުމުގައި އެކުވެރި ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫނާރާނެ ގޮތަކަށް އަމަލުތައް ބަހައްޓަންޖެހޭ ކަމަށާއި، ބޭރު ގައުމުތައް ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ދެމުމަކީ ގައުމީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ތަރައްގީގެ ކަންކަމުގައި ބަސް ބުނުމުގައި އެކުވެރި ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫނާރާނެ ގޮތަކަށް އަމަލުތައް ބަހައްޓަންޖެހޭ ކަމަށާއި، ބޭރު ގައުމުތައް ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ދެމުމަކީ ގައުމީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުން ސްޓޭންޑެއް ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، ރާއްޖޭގެ ޒަމާންވީ ތަރައްގީގެ ބައިވެރިންނާއެކު އޮންނަ ގުޅުންތަކަކީ ޕާޓީ ސިޔާސަތަށްވުރެ މަތީގައި ބާއްވަންޖެހޭ ގުޅުންތަކެއްކަން މާޒީގެ ތަޖުރިބާތަކުން ސާފުވާ ކަމަށެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ފާޑުކިޔުން އަމާޒުކުރަންވާނީ ސީދާ ދިވެހި ސަރުކާރަށެވެ. އިދިކޮޅުން ދެކޮޅު ހަދަންޖެހޭނީ ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކަށާއި، ކޮރަޕްޝަނަށާއި، އަޑިއަޑިން ހިންގާ ނޭއްގާނީ މުއާމަލާތްތަކުގެ އިތުރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ޚިލާފުވާ ކަންކަމަށެވެ.
އެކުވެރި ގައުމުތަކާއެކު އޮތް ޒަމާންވީ ރަހުމަތްތެރިކަމަށް އެއްވެސް ބުރުލެއް ނާންނާނެހެން، ގައުމީ މަސްލަހަތު އިސްކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ގަރާރެއް ފާސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕާޓީގެ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކުރިން ހުޅުވާލެވިފައިވާ ވިސްނުމާއި، ތަފާތު ފިކުރުތަކަށް ޖާގަދިނުމާއި، ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކުގެ ޗެމްޕިއަނެއްގެ ގޮތުގައި އޮތް އެމްޑީޕީން މިހާރު ފެންނަނީ ބޭރު މީހުންނަށް ނަފުރަތުކުރުމާއި، ހަރުކަށި ވަތަނީ ވިސްނުންތައް އިސްކުރާ މަންޒަރު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން އިންތިޚާބުތައް ކާމިޔާބުކުރަން އުޅުމަކީ ޕާޓީގެ އަސްލު އައިޑެންޓިޓީ ގެއްލި، މިނިވަން ޚިޔާލުގެ މީހުން ނިކަމެތިވެ، ކުރު މުއްދަތެއްގެ ފައިދާއަށްޓަކައި މުޅި ޕާޓީ ބަލިކަށިވެގެންދާނެ ކަމެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް