ހަބަރު

ފުރާނައިން ގުރުބާންވެގެން ވެސް ހާއިނުންގެ ކިބައިން ގައުމު ހިމާޔަތްކުރުމަށް ޑިފެންސް މިނިސްޓަރު އެދިވަޑައިގެންފި

ދިވެހި ގައުމު އިސްކޮށް، ގައުމަށް ޣައްދާރުވާ ހާއިނުންނާއި ދުޝްމަނުންގެ ކިބައިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ފުރާނައިން ގުރުބާންވެގެން ވިޔަސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެއްވުމަށް މިނިސްޓަރު އޮފް ޑިފެންސް ހަސަން ރަޝީދު ގޮވާލައްވައިފިއެވެ.

03 November 2026
ފުރާނައިން ގުރުބާންވެގެން ވެސް ހާއިނުންގެ ކިބައިން ގައުމު ހިމާޔަތްކުރުމަށް ޑިފެންސް މިނިސްޓަރު އެދިވަޑައިގެންފި

ދިވެހި ގައުމު އިސްކޮށް، ގައުމަށް ޣައްދާރުވާ ހާއިނުންނާއި ދުޝްމަނުންގެ ކިބައިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ފުރާނައިން ގުރުބާންވެގެން ވިޔަސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެއްވުމަށް މިނިސްޓަރު އޮފް ޑިފެންސް ހަސަން ރަޝީދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 38 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރު ވިދާޅުވީ، 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ މަދު ޚާއިނުންތަކަކާ ގުޅިގެން ސްރީލަންކާގެ ޕްލޮޓް ޖަމާއަތުގެ ތަމަޅަ ކުލީ ސިފައިން މާލެއަށް ދިން އުދުވާނީ ހަމަލާއަކީ ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލު ފުނޑުފުނޑުކޮށްލަން ދިން ބިރުވެރި، ނާމާން ހަމަލާއެއް ކަމަށެވެ. އެ ދުވަހު ދުޝްމަނުންގެ ރަހުމެއްނެތް ހަމަލާތަކުގައި 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަސްރުގެ ދުވަހުން ހާސިލުކުރަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ ދީނާއި ގައުމަށް އިސްކަންދިނުމުގެ މަތިވެރި ސިފައެވެ. އެ ދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރާއި ގުރުބާނީއަށް މުޅި ގައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމުގެ ދުޝްމަނުންނާއި ހާއިނުން ރާވާ ނުބައި ރޭވުންތައް ނާކާމިޔާބުކޮށްލުމަށްޓަކައި، ކޮންމެ ދިވެހި ރައްޔިތަކީ ވެސް އެއްބައިވަންތަކަމާއެކު ގައުމީ މަސްލަހަތު ދިފާއުކުރާ ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެ ޓެރަރިސްޓް ހަމަލާގައި ޖުމްލަ 19 ދިވެހިން ޝަހީދުވިއިރު، އޭގެ ތެރޭގައި ހިމެނެނީ ގައުމީ ދިފާއުގައި ހަނގުރާމަކުރި ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.

ހަމަލާ ނާކާމިޔާބުވުމުން ކުލީ ސިފައިން ފިލަން މަސައްކަތްކުރީ މާލޭ ބަނދަރުގައި އޮތް "ޕްރޮގްރެސް ލައިޓް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި ބައެއް ދިވެހިން ރަހީނުކޮށްގެންނެވެ. ނަމަވެސް، އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު ކަނޑުމަތިން އެ ބޯޓަށް ހަމަލާދީ، ހާޖަރާގޭ އަބްދުﷲ ލުތުފީއާއި ސަގަރު އަހުމަދު ނާސިރު ހިމެނޭހެން ބާކީ ތިބި ޓެރަރިސްޓުން އަތުލައިގަނެ، ގިނަ ރަހީނުން ސަލާމަތްކުރެވުނެވެ.

އެ މައްސަލައިގައި ލުތުފީއާއި ނާސިރުގެ މައްޗަށް ދިވެހިރާއްޖޭގެ ހައި ކޯޓުން އިއްވީ މަރުގެ އަދަބެވެ. ނަމަވެސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން، އެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް