ބައްޕަގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް: އަބްދުﷲ ޝާހިދުގެ ދަރިކަލުން ޔާމީން
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެމަނިކުފާނުގެ ދަރިކަލުން ޔާމީން ޝާހިދު ދޮގުކުރައްވައިފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެމަނިކުފާނުގެ ދަރިކަލުން ޔާމީން ޝާހިދު ދޮގުކުރައްވައިފިއެވެ.
ބައްޕަ ހައްޔަރުކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން ވިދާޅުވީ، އޭނާގެ ބައްޕަގެ އަޚުލާގާއި، ގަބޫލުކުރައްވާ ހަމަތަކާއި އުސޫލުތައް އެންމެ ގާތުން ދަންނަ އެކަކީ އޭނާ ކަމަށެވެ. އަދި މިހާރު ކުރެވެމުންދާ ތުހުމަތުތަކަކީ އޭނާގެ ބައްޕަ ދުވަހަކުވެސް ކޮށްފާނެ ކަންކަން ނޫންކަން ޔަގީންވާ ކަމަށް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ބައްޕަ ހައްޔަރުކުރި މަންޒަރުން އާއިލާއަށް ނުހަނު ފުން ހިތާމައެއް ލިބުނު ކަމަށާއި، މިކަން ހިނގައިދިޔަ ގޮތުން ކަންކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށެވެ.
ޝާހިދަށް އިންސާފުވެރި ޝަރީއަތަކާއި، ފުރިހަމަ ގާނޫނީ އިޖުރާއަތްތަކުގެ އިތުރުން އަމިއްލަ ދިފާއުގައި ވާހަކަދެއްކުމަށް ލިބެންޖެހޭ އެންމެހައި ފުރުސަތުތަކާއި ހައްގުތައް ލިބެންވާނެ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
ހައްޔަރުކުރުމުގެ ކުރިން ޝާހިދު ކުރެއްވި ޕޯސްޓުގައި ވެސް ވިދާޅުވެފައިވަނީ މިއީ އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ ބޭނުމެއްގައި ފަތުރާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޝާހިދު ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ހުޅުމާލޭގެ އޯޝަންފްރޮންޓް ރެޒިޑެންސްގެ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހުއެވެ.
ހައްޔަރުކުރުމަށްފަހު ފުރަތަމަ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ނަމަވެސް، މިހާރު އޭނާ ހުންނެވީ ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމާއި އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ހައްޔަރުކޮށްފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އޭނާ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތައްޔާރުވަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް