ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

02 November 2026
އަބްދުﷲ ޝާހިދު - ފޮޓޯ: އެޓޯލް ނިއުސް
އަބްދުﷲ ޝާހިދު - ފޮޓޯ: އެޓޯލް ނިއުސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ޝާހިދު ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް، މައްސަލައިގެ ބާވަތުން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ޝާހިދު ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ހުޅުމާލޭގެ އޯޝަންފްރޮންޓް އެޕާޓްމެންޓުންނެވެ. ފުލުހުންގެ ގިނަ އަދަދެއްގެ އޮފިސަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށްފަހު، ޝާހިދު ވަނީ ފުލުހުންގެ ވެހިކަލްގައި އިދާރާއަށް ގެންގޮސްފައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، މިއީ އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ކުރައްވާފައިވާ ދައުލަތުގެ ތަޖުރިބާކާރު ސިޔާސީ ޝަހުސިއްޔަތެކެވެ.

ޝާހިދު ހައްޔަރުކޮށްފައި މިވަނީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އޭނާ ފާޅުގައި ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް