ދަރަނި

ރާއްޖޭގެ ބޮޑު ދަރަނި އިންޑިއާގަ : ޖުމްލަ 1.2 ބިލިއަން ޑޮލަރަށް އަރާ

ވޯލްޑް ބޭންކުގެ މި ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ ބޭރުގެ ދަރަނި (ޓޯޓަލް އެކްސްޓާނަލް ޑެޓް ސްޓޮކް 4.7 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 0.7 އިންސައްތައިގެ އިތުރުވުމެކެވެ.

08 November 2026
ރާއްޖޭގެ ބޮޑު ދަރަނި އިންޑިއާގަ : ޖުމްލަ 1.2 ބިލިއަން ޑޮލަރަށް އަރާ

ރާއްޖޭގައި އެއް ގައުމަކަށް އެންމެ ބޮޑު ދަރަންޏެއް އޮތީ އިންޑިއާގެ ކަމަށާ އެ ދަަރަނި 1.2 ބިލިއަން ޑޮލަރަށް އަރާ ކަމަށް ދައްކައިފި އެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ އިންޓަނޭޝަނަލް ޑެޓް ސްޓެޓިސްޓިކްސް ޑޭޓާބޭސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ދަރަނީގެ ބައިތަކަށް ބަލާއިރު، ބައިލެޓަރަލް ނުވަތަ ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަނި އުޅެނީ 2،463 މިލިއަން ޑޮލަރުގައެވެ. މީގެ ތެރެއިން ރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް އަދާކުރަންޖެހިފައި ވަނީ އިންޑިއާއަށެވެ. އިންޑިއާއަށް ދައްކަންޖެހޭ ދަރަނީގެ އަދަދު 1،266 މިލިއަން ޑޮލަރަށް އަރާއިރު، ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ ޗައިނާއަށެވެ. އެއީ 682 މިލިއަން ޑޮލަރެވެ. އަދި އެހެނިހެން ގައުމުތަކުގެ ބައިލެޓަރަލް ދަރަނީގެ ގޮތުގައި 516 މިލިއަން ޑޮލަރު ހިމެނެއެވެ.

ވޯލްޑް ބޭންކުގެ މި ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ ބޭރުގެ ދަރަނި (ޓޯޓަލް އެކްސްޓާނަލް ޑެޓް ސްޓޮކް 4.7 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 0.7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 2015 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ ބޭރު ދަރަނި ހުރީ 1،004 ބިލިއަން ޑޮލަރުގަ އެވެ.

ރާއްޖޭގެ ބޭރުގެ ޖުމްލަ ދަރަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުން ގެރެންޓީ ދީފައިވާ އަދި ދައުލަތުގެ ދަރަނީގެ ގޮތުގައެވެ. އެގޮތުން މިބައިގެ ޖުމްލަ އަކީ 4،1 ބިލިއަން ޑޮލަރެވެ. އަދި ޕްރައިވެޓް ނޮން-ގެރެންޓީޑް ދަރަނީގެ ގޮތުގައި 350 މިލިއަން ޑޮލަރު ހިމެނޭއިރު، ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 206 މިލިއަން ޑޮލަރު ހިމެނެއެވެ.

މަލްޓިލެޓަރަލް ނުވަތަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާފައިވާ ދަރަނި 639 މިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ 154 މިލިއަން ޑޮލަރާއި، އޯޕެކް ފަންޑުގެ 102 މިލިއަން ޑޮލަރުގެ އިތުރުން އެހެނިހެން މަލްޓިލެޓަރަލް އިދާރާތަކުގެ 382 މިލިއަން ޑޮލަރު ހިމެނެއެވެ. މީގެ އިތުރުން ޕްރައިވެޓް ކްރެޑިޓަރުންގެ އަތުން ނަގާފައިވާ ދަރަނި 1 ބިލިއަން ޑޮލަރަށް އަރައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ ޑެޓް ސާވިސް (ދަރަނި އަދާކުރަން ޖެހޭ މިންވަރު) ވަނީ އިތުރުވެފައެވެ. މިގޮތުން އެކްސްޕޯޓާއި އަޅާބަލާއިރު ޑެޓް ސާވިސް 19.3 އިންސައްތަ އިތުރުވެ، އަދި 11 އިންސައްތައަށް އަރާފައިވާއިރު، ޖީއެންއައި އާއި އަޅާބަލާއިރު ޑެޓް ސާވިސް ވަނީ 22.9 އިންސައްތަ އިތުރުވެ، 10 އިންސައްތައަށް އަރާފައެވެ. ނަމަވެސް އެކްސްޕޯޓާއި އަޅާބަލާއިރު އެކްސްޓާނަލް ޑެޓް ހުރި މިންވަރު ވަނީ 11.9 އިންސައްތަ ދަށަށްގޮސް 76 އިންސައްތައިގައެވެ. އޮފިޝަލް ކްރެޑިޓަރުންގެ އަތުން އަލަށް ނަގާފައިވާ ދަރަނިތައް ދެއްކުމަށް އެވްރެޖްކޮށް 15 އަހަރުގެ މުއްދަތެއް (މެޗޫރިޓީ) ލިބޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 4 އަހަރު އަދި އިންޓަރެސްޓް ރޭޓެއްގެ ގޮތުގައި ހަމަޖެހިފައިވަނީ 2.5 އިންސައްތައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް