ދައުލަތަށް ހިޔާނަތްތެރިވެ އިގުތިސާދަށް ގެއްލުންދިނުމާއި ގަތުލްއާންމު ކުށަކަށް ހަދަނީ
ވަކި ދީނަކަށް ނުވަތަ ވަކި ގައުމަކަށް ނިސްބަތްވާތީ ނަފްރަތު އުފައްދައި ގެއްލުންދިނުމާއި، ދައުލަތުގެ އިގުތިސާދީ ރައްކާތެރިކަން ނަގާލަން މަސައްކަތްކުރުމަކީ ޖިނާއީ ކުށަކަށް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ވަކި ދީނަކަށް ނުވަތަ ވަކި ގައުމަކަށް ނިސްބަތްވާތީ ނަފްރަތު އުފައްދައި ގެއްލުންދިނުމާއި، ދައުލަތުގެ އިގުތިސާދީ ރައްކާތެރިކަން ނަގާލަން މަސައްކަތްކުރުމަކީ ޖިނާއީ ކުށަކަށް ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. މި ބިލުގައި ދައުލަތުގެ އިގުތިސާދީ ރައްކާތެރިކަމަށް ގެއްލުންހުރި އަމަލުތަކާއި، ދައުލަތަށް ޚިޔާނާތްތެރިވުމުގެ އިތުރުން ގަތުލުއާންމު (ޖެނޮސައިޑް) ގެ ކުށްތައް މަނާކުރުމަށް ވަކި ބާބުތަކެއް ވަނީ އިތުރުކޮށްފައެވެ.
އިގުތިސާދީ ރައްކާތެރިކަމަށް ގެއްލުންދިނުމުގެ ކުށްތައް:
އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ ފަރުވާކުޑަކޮށް ގަސްތުގައި ތިރީގައިވާ ކަންކަން ކުރުމަކީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ކަނޑައަޅާފައެވެ:
މުހިންމު އުމްރާނީ ވަސީލަތްތަކަށާއި އެއާ ގުޅިފައިވާ ކޮމްޕިއުޓާ ނިޒާމުތަކަށް ގެއްލުންދިނުން.
ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތައް މެދުކަނޑުވާލުން ނުވަތަ އެފަދަ ނިޒާމުތަކަށް ހުރަސްއެޅުން.
ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ސިނާއަތްތަކާއި ދާއިރާތަކުގެ ހިންގުން ހުއްޓުވާލަން އަމަލުކުރުން.
ދައުލަތުގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭ ފަދަ އެހެނިހެން އަމަލުތައް ހިންގުން.
މީގެ އިތުރުން، ރާއްޖެއާ ދެކޮޅަށް ހަނގުރާމަކުރުމާއި، އެފަދަ ބަޔަކާ ބައިވެރިވެ ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައިވިޔަސް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތަށް ޚިޔާނާތްތެރިވުމުގެ ކުށެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
ނަސްލީ، ގައުމީ އަދި ދީނީ ގޮތުން ގެއްލުންދިނުމާއި ގަތުލުއާންމު ހިންގުން:
ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ތިރީގައިވާ ކަންކަން ކުރުމާއި އެފަދަ ކަންކަމަށް ފާޅުގައި ގޮވާލުމަކީ ޖިނާއީ ކުށެކެވެ:
އެފަދަ ޖަމާއަތެއްގެ މީހުން މެރުން ނުވަތަ އެ މީހުންނަށް ބޮޑެތި ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ދިނުން.
ޖަމާއަތެއްގެ ބަޔަކު ޖިސްމާނީ ގޮތުން ނެތިކޮށްލުމުގެ ގަސްތުގައި ދަތި ދިރިއުޅުމުގެ ހާލަތްތައް ކުރިމަތިކުރުވުން.
ދަރިން އުފަންވިޔަނުދިނުމަށް ފިޔަވަޅު އެޅުމާއި، ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތްތަކަށް ބަދަލުކުރުން.
އަދަބުތައް:
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބާވަތުގެ ކުށެއް އެއްވެސް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ތަންފީޒުކުރުމުގެ އިތުރުން، އެ މީހަކު ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ ސިޔާސީ މަގާމަކަށް އައްޔަންކުރުން މުޅިން މަނާވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް