"ހޯމް ސްކޫލިން" ތައާރަފުކުރަން މަޖިލީހަށް ބިލެއް
ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކުގެ ސަބަބުން އާންމު ސްކޫލުތަކަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރަން ދަތިވާ ދަރިވަރުންނަށް ގޭގައި ބައިތިއްބައިގެން ކިޔަވައިދެވޭނެ ނިޒާމު ނުވަތަ "ހޯމް ސްކޫލިން" ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކުގެ ސަބަބުން އާންމު ސްކޫލުތަކަށް ހާޒިރުވެގެން ތައުލީމު ހާސިލުކުރަން ދަތިވާ ދަރިވަރުންނަށް ގޭގައި ބައިތިއްބައިގެން ކިޔަވައިދެވޭނެ ނިޒާމު ނުވަތަ "ހޯމް ސްކޫލިން" ރާއްޖެއަށް ތައާރަފުކުރުމަށްޓަކައި ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ހޯމް ސްކޫލިންގެ ޚިދުމަތް ލިބޭނެ ޝަރުތުތައް:
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ހޯމް ސްކޫލިންގެ އުސޫލުން ކިޔަވައިދެވޭނީ ތިރީގައިވާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވާ ކުދިންނަށެވެ:
ސްކޫލަށް ހާޒިރުވެ ކިޔެވުމަށް ހުރަސްއަޅާ ފަދަ ޖިސްމާނީ ބޮޑު ނުކުޅެދުންތެރިކަމެއް ހުރުން.
ސްކޫލަށް ދިއުމަށް އުޒުރުވެރިވާ ފަދަ ނަފުސާނީ މައްސަލައެއް ހުރުން.
މި ނޫންވެސް އެފަދަ ޚާއްސަ ހާލަތެއް ކުއްޖާއަށް ދިމާވުން.
މީގެ އިތުރުން، މި ޚިދުމަތަށް އެދެވޭނީ ރަސްމީ ތައުލީމީ ނިޒާމުގައި ރަޖިސްޓަރީވެފައިވާ ދަރިވަރުންނަށް ކަމަށާއި، ހޯމް ސްކޫލިން ކުރިއަށްގެންދިއުމުގެ މާލީ ގާބިލުކަން އެ ކުއްޖެއްގެ ބެލެނިވެރިންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދައުރާއި ރެގިއުލޭޝަން:
އެސެސްމެންޓާއި ރަޖިސްޓްރޭޝަން: ހޯމް ސްކޫލިންއަށް ޝަރުތުހަމަވާ ދަރިވަރުން ކަނޑައެޅުމަށް ހަދާ އެސެސްމެންޓްތަކުގެ ގަވާއިދާއި، ރަޖިސްޓަރީކުރުމާއި، ކިޔަވައިދިނުމުގެ ޕްލޭން އެކުލަވާލުމުގެ ބާރު އޮންނާނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ.
ޓީޗަރުންގެ ފެންވަރާއި މޮނިޓަރިން: އެގޮތަށް ގޭގައި ކިޔަވައިދޭނެ ޓީޗަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި މިންގަނޑުތައް އެކުލަވާލައި، ކިޔަވާ ކުދިންގެ ފެންވަރު ވަޒަންކޮށް މޮނިޓާކުރާނެ އުސޫލުތައް އެ މިނިސްޓްރީން އެކުލަވާލަން ޖެހޭނެއެވެ.
ރަސްމީ ތައުލީމު ލާޒިމުނުވުން: ހޯމް ސްކޫލިން އުސޫލުން ވެސް ކިޔެވުމަށް ދަތިވާ ފަދަ މައްސަލަތަކެއް ހުންނަ ކުދިންނަށް، ރަސްމީ ތައުލީމު ދިނުން ލާޒިމުނުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުންވެސް މި ބިލުގައި ހިމެނެއެވެ.
ހޯމް ސްކޫލިންގެ އުސޫލެއް ރާއްޖޭގައި ތައާރަފުކުރުމަށް މަޖިލީހަށް ބިލެއް މި ހުށަހެޅީ، މިފަދަ ފުރުސަތެއް ފަހިކޮށްދިނުމަށް އެދި ގިނަ އަދަދެއްގެ ބެލެނިވެރިން ޝަކުވާ އުފުލަމުން އަންނަތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް