ރައީސް ދެއްވާ ޔަގީންކަން: ގައުމެއްގެ ޕަޕެޓަކަށްވުން މި ނިމުނީ
މި ސަރުކާރުގެ ސިޔާސަތަކީ ވެސް ވަކި އަތަކަށް ނުޖެހި ދިވެހިންނަށް ފައިދާ ވާ ގޮތްތައް ހޯދައި ދޭ "މޯލްޑިވްސް ފަސްޓް" ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި
ރާއްޖެއަކީ ވަކި ގައުމެއްގެ ޕަޕެޓެއް ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ގެންގުޅުނީ ހަރުދަނާ ހާރިޖީ ސިޔާސަތެކެވެ. އެއީ ވަކި އަތަކަށް ނުޖެހި ދިވެހިންނަށް ފައިދާވާނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމެވެ.
ނަމަވެސް އޭގެ ފަހުން އައި ސަރުކާރުތަކުން ހާރިޖީ ސިޔާސަތު ބައްޓަން ކުރި ގޮތުން ރާއްޖެ އާއި ސަރަހައްދީ ހަމަޖެހުމަށް ވެސް ނުރައްކާވި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އެ އިޝާރަތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު އިންޑިއާ ފަޅިއަށް އެއަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ ފަޅި އަށް ޖެހުމަށް ފަހު އަނެއްކާވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހާރިޖީ ސިޔާސަތު އިންޑިއާ ކޮޅަށް ޖެހުނު މައްސަލަ އަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ވެސް ވަކި އަތަކަށް ނުޖެހި ދިވެހިންނަށް ފައިދާ ވާ ގޮތްތައް ހޯދައި ދޭ "މޯލްޑިވްސް ފަސްޓް" ސިޔާސަތެއް ކަމަށެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި މަސައްކަތް ކުރަމުން މިހާރު އެކަން ހާސިލް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ވަކި ގައުމެއްގެ ޕަޕެޓަކަށް ވާ ގޮތަށް އޮތް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން. ރައްޔިތުން ގަބޫލު ކުރާ ކަމެއް ނޫން،
"އެ ސިޔާސަތު މަޑުމަޑުން މިދިޔަ ތިން އަހަރުގެ ތެރޭގައި މި ދިޔައީ ހަމަ ފަސްލާ ވަޅުލައި ނިންމައިފައި. އިރާދަ ކުރެއްވިއްޔާ މި ގައުމުގައި ދެން އެކަން އިއާދަ ކުރުމަކީ ރައްޔިތުން ފުރުސަތު ދޭނެ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ." ރައީސް ވިދާޅުވި އެވެ.
މި ފަހުން ރައީސް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ މަޝްވަރާތައް ކުރެއްވި ކަމަށާއި އޭގެ ކުރިން ކުރެއްވި ކޮންމެ އެފަދަ ރަސްމީ ދަތުރުފުޅެއްގައި ވެސް ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ މާނައަކީ ރާއްޖޭގައި ބޭރުގެ އަސްކަރީ ބަޔަކު ބޭތިއްބުން ނޫން ކަމަށާއި އެއީ ދިވެހިންގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށްޓަކައި އެމަނިކުފާނު އިސްކަން ދީގެން ކުރައްވާ މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުމަށް ނުސީދާކޮށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެހެން ދެ ގައުމެއްގެ ތެރޭގައި އޮތް މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ވަނުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ބަދުނާމެއް ބަޔަކު އަޅުވަން އުޅުނަސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި ރާއްޖެއިން އަބަދުވެސް ބަލާނީ ރާއްޖެ އަށް ފައިދާ ވާނީ ކޮން ގޮތެއްތޯ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް