ރިޕޯޓް

ސަޕްލިމެންޓްރީ ބަޖެޓަކަށް ނުގޮސް ދެ އަހަރު ؛ މިއަދު އާ ބަޖެޓެއް

މިދިޔަ 10 އަހަރު ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅާ ނިންމާލީ 2015 ގަ އެވެ. އޭގެފަހުން އައި ކޮންމެ އަހަރަކުވެސް ބަޖެޓުން ނުފުދިގެން އިތުރު ބަޖެޓެއް ހުށަޅަން ޖެހެ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިދިޔަ ދެ އަހަރު ވެސް ވެގެން ގޮސްފައިވަނީ ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލި އަހަރަށެވެ. 

29 October 2026
ސަޕްލިމެންޓްރީ ބަޖެޓަކަށް ނުގޮސް ދެ އަހަރު ؛ މިއަދު އާ ބަޖެޓެއް

މިދިޔަ 10 އަހަރު ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަނާޅާ ނިންމާލީ 2015 ގަ އެވެ. އޭގެފަހުން އައި ކޮންމެ އަހަރަކުވެސް ބަޖެޓުން ނުފުދިގެން އިތުރު ބަޖެޓެއް ހުށަޅަން ޖެހެ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިދިޔަ ދެ އަހަރު ވެސް ވެގެން ގޮސްފައިވަނީ ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލި އަހަރަށެވެ. 


ރާއްޖޭގެ ދައުލަތުގެ ބަޖެޓަށް ފާއިތުވި 10 އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އައިސް، ބަޖެޓުގެ ސައިޒު ވަނީ ގާތްގަނޑަކަށް ދެގުނަ އަށް ބޮޑުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2015 ވަނަ އަހަރު 24.3 ބިލިއަން ރުފިޔާގައި އޮތް ބަޖެޓު މިދިޔަ އަހަރު ވަނީ ރިކޯޑު އިތުރުވުމެއް އައިސްފަ އެވެ. 64.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި އޭގެ ކުރީ އަހަރު 2024 ގައި ހުރީ 49.5 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ބަޖެޓު ބޮޑުވަމުން އައި ނިސްބަތާ އެއްވަރަށް އާމްދަނީ އިތުރުވެފައި ނުވުމަކީ އިޤްތިސާދީ ގޮތުން ކަންބޮޑުވުން އުފެދޭ ކަމެކެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، އަހަރަކަށްވުރެ އަހަރެއް ޚަރަދުތައް އަންނަނީ އިތުރުވަމުންނެވެ. 2015 ވަނަ އަހަރު ދައުލަތުގެ ޚަރަދުގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ކަނޑައެޅުނު ނަމަވެސް، 2024 ވަނަ އަހަރު މި ޢަދަދު ވަނީ 47.3 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ދައުލަތުން ހިންގާ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް (ޕީއެސްއައިޕީ) އާއި ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއި، ސަބްސިޑީ އަދި އާސަންދައަށް ކުރާ ޚަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުން ދިއުން ހިމެނެއެވެ.

އާމްދަނީ އާއި ޚަރަދުގެ ފަރަގު (ޑެފިސިޓް) ބޮޑުވުން

ބަޖެޓު ފާސްކުރާއިރު ލަފާކުރާ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ޚަރަދުތައް ހުރީ އެއަށްވުރެ މާ މަތީގައެވެ. 2015 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 21.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރިއިރު، 2024 ވަނަ އަހަރު ލަފާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. މިއީ އާމްދަނީއަށް އައިސްފައިވާ ކުރިއެރުމެއް ނަމަވެސް، 2024 ވަނަ އަހަރުގެ ޚަރަދާއި އާމްދަނީއާ ދެމެދު އޮތް ފަރަގު (ބަޖެޓު ޑެފިސިޓް) 13.8 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ މާނައަކީ ދައުލަތް ހިންގުމަށްޓަކައި އަދިވެސް ވަރަށް ބޮޑަށް ދަރަންޏަށް ބަރޯސާވާން ޖެހިފައިވުމެވެ.

ކޮވިޑް-19 ގެ ލޮޅުމާއި އޭގެ އަސަރު


މި ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ލޮޅުމެއް އެރީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެންނެވެ. އެ އަހަރުގެ ބަޖެޓު 37.9 ބިލިއަން ރުފިޔާއަށް އެރިއިރު، ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ދައުލަތުން ގިނަ ޢަދަދެއްގެ ލޯނު ނަގަން މަޖުބޫރުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އޭގެ ފަހުން އައި އަހަރުތަކުގައި ދަރަނި އަދާކުރުމަށް ކުރަންޖެހޭ ޚަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެ، ބަޖެޓަށް އޮތް ބުރަ ބޮޑުވެފައެވެ.


ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ޓެކުހާއި (ޓީޖީއެސްޓީ / ޖީއެސްޓީ / އިމްޕޯޓް ޑިއުޓީ) ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވާއިރު، އިޤްތިސާދު ސިންދަފާތުކޮށް (ޑައިވާސިފައިކޮށް) އާމްދަނީ ހޯދޭނެ އައު މަގުތައް ހޯދުމަކީ މިއަދު ދައުލަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ފާއިތުވި 10 އަހަރުގެ މާލީ ތަފާސްހިސާބުތަކުން ސާފުކޮށް ދައްކައިދެނީ، ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށްޓަކައި ދައުލަތުގެ ރިކަރަންޓް ހަރަދުތައް ކުޑަކޮށް ހަރަދުތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކުރުމުގެ މުހިންމުކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް