ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ޖޭއެސްސީއަށް ހުށަހަޅުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( އަށް ހުށަހަޅުއްވައިފިއެވެ.

29 October 2026
ފަނޑިޔާރު އަލީ ރަޝީދު
ފަނޑިޔާރު އަލީ ރަޝީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފިއެވެ.

އޭނާ ރިޓަޔާކުރެއްވުމަށް އެދި ޖޭއެސްސީއަށް ސިޓީ ފޮނުއްވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މަގާމުން ވަކިވެވަޑައިގަންނަވަން ހުށަހަޅުއްވާފައިވަނީ މިއަހަރު ނިމުމުންނެވެ. ނަމަވެސް، ރިޓަޔާކުރައްވަން ނިންމެވި ސީދާ ސަބަބެއް އަދި މި މައްސަލައިގައި ޖޭއެސްސީން ނިންމި ގޮތެއް އަދި ސާފެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ. އެގޮތުން ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަމާއި، ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގައި ހުންނެވި ދުވަސްވަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް 2019 ވަނަ އަހަރު މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޖަލު ހުކުމް އިއްވި 5 ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް އަލީ ރަޝީދެވެ.

އޭނާ ސުޕްރީމް ކޯޓުގެ ބެންޗަށް އައްޔަންކުރެއްވީ މީގެ 6 އަހަރު ކުރިންނެވެ. ސުޕްރީމް ކޯޓުގައި ހުންނެވި ދުވަސްވަރު ބައެއް ސުލޫކީ މައްސަލަތައް ޖޭއެސްސީއަށް ހުށަހެޅުނު ނަމަވެސް، އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަލީ ރަޝީދު ރިޓަޔާކުރައްވަން ހުށަހެޅުއްވިއިރު، މީގެ ކުރިން އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ވެސް ވަނީ މިދިޔަ އަހަރު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް