ހަބަރު

ހުޅުމާލޭ ފޭސް 3 ގައި އަޅާ 5،000 ހައުސިން ޔުނިޓް ހާއްސަކުރަނީ ޒުވާނުންނަށް: ރައީސް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ހުޅުމާލޭގެ ފޭސް ތިނެއްގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓް ޚާއްސަކުރަން ނިންމަވާފައިވަނީ ޒުވާނުންނާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

29 October 2026
ރައީސް މުއިއްޒު ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރައީސް މުއިއްޒު ޕީއެސްއެމްގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ހުޅުމާލޭގެ ފޭސް ތިނެއްގައި ތަރައްގީކުރާ 5،000 ހައުސިން ޔުނިޓް ޚާއްސަކުރަން ނިންމަވާފައިވަނީ ޒުވާނުންނާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނިއުސް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ހިންގާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުގެ ތެރެއިން ދިވެހި އާއިލާތަކަށް ބިނާކުރާ މި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަކީ ގާތްގަނޑަކަށް 400 އާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި ބޮޑު މަޝްރޫއެއް ކަމަށެވެ.

މި ހައުސިން ޔުނިޓްތަކަށް ހިނގާ 500 މިލިއަން ޑޮލަރަކީ ރަސްމާލެ މަޝްރޫއުގެ ފުރަތަމަ ސޭލްސްގެ ތެރެއިން ދައުލަތަށް ލިބެން އޮތް 10 ޕަސެންޓްގެ އާމްދަނީގެ ބައެއް އަޕްފްރަންޓްކޮށް (އިސްވެ) ލިބޭ ފައިސާއެވެ. މި ފައިސާ ރިޒާވްގައި ބެހެއްޓުމުގެ ބަދަލުގައި ސީދާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚަރަދުކުރަން ނިންމެވީ ސަރުކާރުން ކަމަށާއި، މިކަމުގެ ސަބަބުން ދައުލަތުން އެއްވެސް ލޯނެއް ނަގަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހައުސިން މަޝްރޫއާއެކު އެ ސަރަހައްދަށް ބޭނުންވާ ފެނާއި، ކަރަންޓާއި، ނަރުދަމާ ފަދަ އުމްރާނީ ވަސީލަތްތައްވެސް ގާއިމުކޮށްދޭނީ އީގަލް ހިލްސްއިންނެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ޔުނިޓްތަކުގެ ބޮޑު ބައެއް ކަނޑައަޅާނީ ޒުވާނުންނާއި، ޓޫރިޒަމް ދާއިރާގެ ރިސޯޓް މުވައްޒަފުންނާއި، މަސްވެރިން އަދި އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކަށެވެ.

ހައުސިން ޔުނިޓްތަކުގެ ސްޓްރަކްޗާގެ މަސައްކަތްތަކާއި ބޭރުގެ ފިނިޝިން އެއްކޮށް ނިންމައި، 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ގާނޫނީ ގޮތުން ރަޖިސްޓަރީ ހަދައި، ރައްޔިތުންނާ ތަންތަން ހަވާލުކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރަސްމާލޭގެ ބިޔަ މަޝްރޫއާއެކު ދިވެހިންނަށް ދޭން ނިންމާފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ޕްރޮޖެކްޓަކަށް ހުރަހެއް ނޭޅޭނެ ކަމަށާއި، ކުރިއަށް އޮތީ ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް