މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މޯލްޑިވިއަންގެ އުމްރާ ދަތުރު ފަސްކޮށްފި
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ސަލާމަތީ މަސްރަހު ގޯސްވެފައިވާތީ، އުމްރާވެރިން ގޮވައިގެން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް މިއަދު ފަށަން އޮތް މޯލްޑިވިއަންގެ ޚާއްސަ ދަތުރު ފަސްކޮށްފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ސަލާމަތީ މަސްރަހު ގޯސްވެފައިވާތީ، އުމްރާވެރިން ގޮވައިގެން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް މިއަދު ފަށަން އޮތް މޯލްޑިވިއަންގެ ޚާއްސަ ދަތުރު ފަސްކޮށްފިއެވެ.
މޯލްޑިވިއަން އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސައުދީ އަރަބިއްޔާ ހިމެނޭ މުޅި ސަރަހައްދުގެ ސަލާމަތީ ހާލަތު އެ ކުންފުނިން ވަރަށް ގާތުން މޮނިޓާކުރަމުން އަންނަ ކަމަށެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހާލަތު އިތުރަށް ގޯސްވެފައިވުމާއެކު، މިއީ ދަތުރުވެރިންގެ ފުރާނައާއި ރައްކާތެރިކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ދަނޑިވަޅެއް ކަމަށް ބެލެވޭތީ މި ނިންމުން ނިންމީ ކަމަށް ބަޔާންކޮށްފައިވެއެވެ.
މަސްރަހު ގޯސްވުމާ ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ އިންޒާރުތަކާ އެކު، ޖިއްދާގެ ވައިގެ ސަރަހައްދު ބޭނުންކުރުމަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ. ގިނަ ބައިނަލްއަގުވާމީ އެއާލައިންތަކުން ވެސް މިހާރު ވަނީ ސައުދީއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މޯލްޑިވިއަން އިން ބުނީ ކޮންމެ ހާލަތެއްގައި ވެސް އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ދަތުރުވެރިންގެ ފުރާނައާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
ކުއްލި ގޮތަކަށް ދަތުރު ފަސްކުރަން ޖެހުމުން ދިމާވާނެ ދަތިތަކަށްޓަކައި މޯލްޑިވިއަން އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވަނީ އުމްރާވެރިންގެ ކިބައިން މައާފަށް އެދިފައެވެ.
މަސްރަހު ފިނިވެ، ދަތުރުކުރުމުގެ އަމާންކަން ކަށަވަރުވުމުން، ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި ދަތުރު ހަމަޖައްސައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހައްޖު ކޯޕަރޭޝަނުން ވަނީ ދީފައެވެ.
އެ ސަރަހައްދުގެ ވައިގެ މަގުތައް ރައްކާތެރިވިހާ އަވަހަކަށް، ދަތުރު ކުރިއަށްދާނެ އައު ތާރީޚެއް ފަސިންޖަރުންނާ ހިއްސާކުރާނެ ކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް