ޒަޔަނިޒަމާ ދެކޮޅަށް ފާޅުގައި ވަކާލާތުކުރަން ކެރުނު ހަމައެކަނި ރައީސަކީ އަޅުގަނޑު: ރައީސް
ޒަޔަނިޒަމާއި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަން ކެރުނު ރާއްޖޭގެ ހަމައެކަނި ރައީސަކީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޒަޔަނިޒަމާއި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަން ކެރުނު ރާއްޖޭގެ ހަމައެކަނި ރައީސަކީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުބާއީގެ އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއަކީ ޒަޔަނިސްޓުންނަށް ރާއްޖެއިން ފުރުސަތު ދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން، ޕީއެސްއެމްގެ "ނިއުސް ޗެޓް" ޕްރޮގްރާމުގައި ރައީސް ވަނީ ސަރުކާރުގެ ސާފު ސްޓޭންޑް ތަކުރާރުކުރައްވާފައެވެ.
ރައީސް ވިދާޅުވީ ވެރިކަމުގެ ޓްރާންސިޝަން މަރުހަލާގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރާއްޖޭގެ ސްޓޭންޑް ސާފުކޮށް އަމަލީ ގޮތުން ދައްކަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އިޒްރޭލުން ހިންގަނީ ގަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް އދ. ގެ އާންމު މަޖިލީހުގައި ފާޅުގައި އިއުލާނުކުރަން ކެރުނު ހަމައެކަނި ދިވެހި ވެރިޔަކީ އެމަނިކުފާނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް ފެށުމުން، ފަތުރުވެރިކަމުގެ ދާއިރާގެ ބައެއް އިސް ފަރާތްތަކުންނާއި ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ ބައެއް ބޭފުޅުންވެސް ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، އެ ފިޔަވަޅު އެޅުއްވީ ގައުމާއި ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.
ރަސްމާލޭގައި ބޭރު މީހުންނަށް ދިރިއުޅެވޭ ގޮތަށް ހަދާ ސަރަހައްދުން އިޒްރޭލުގެ ރައްޔިތުންނަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ. އެގޮތުން ރަސްމާލޭގެ މެރީނާއިން އެއްވެސް ތަނެއް އިޒްރޭލު ރައްޔިތަކަށް ވިއްކުމާއި، ކުއްޔަށް ދިނުން އަދި އެންމެ ދުވަހަކަށް ވެސް އެ ސަރަހައްދަށް އެތެރެވުން ގާނޫނުން މުޅިން މަނާވާނެއެވެ.
ރަސްމާލެއިން އެއްވެސް ވަކި ގައުމެއްގެ ބަޔަކަށް ވިއްކޭނީ ޖުމްލަ ޕްރޮޕަޓީގެ އެންމެ ގިނަވެގެންވެސް 25 ޕަސެންޓުކަން ރައީސް ފާހަގަކުރެއްވިއެވެ.
މައިގަނޑު ގޮތެއްގައި މި މަޝްރޫއުން ތަންތަން ގަތުމުގެ ޝައުގުވެރިކަން ހުރީ އަރަބި އިސްލާމީ ގައުމުތަކުގެ މުސްލިމުންގެ ކަމަށްވާތީ، އެތަނުގައި ތިބޭނީ ދިވެހިންނާއި އެހެން ގައުމުތަކުގެ މުސްލިމުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތަނުގައި ރަލާއި، އޫރުމަހާއި، ކެސީނޯ ހިންގުން ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދީ، މިސްކިތްތައް އަޅައި ފަސް ވަގުތު ބަންގި ގޮވޭނެ ނިޒާމު ހަމަޖައްސާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއު ހިންގާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރާއި ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި، ކުންފުންޏާއެކު ވެވޭ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް