ނޫސްވެރިންގެ އަބުރު ކަތިލައި ފުރައްސާރަކުރާ މައްސަލަ ފުލުހަށް
ރަސްމާލެ މަޝްރޫއުގެ މައުލޫމާތު ހޯދުމަށް ޔޫއޭއީއަށް ދިޔަ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފުރައްސާރައާއި އަބުރު ކަތިލުމުގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން )އެމްޖޭއޭ( އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށަހަޅައިފިއެވެ.
ރަސްމާލެ މަޝްރޫއުގެ މައުލޫމާތު ހޯދުމަށް ޔޫއޭއީއަށް ދިޔަ ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފުރައްސާރައާއި އަބުރު ކަތިލުމުގެ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށަހަޅައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެމްޖޭއޭއިން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން އިންތިޒާމުކުރި މީޑިއާ ދަތުރެއްގައި ބައިވެރިވި ނޫސްވެރިންގެ ފޮޓޯ ބޭނުންކޮށްގެން، ނަފުރަތު އުފެއްދުމަށް ޚާއްސަ ވީޑިއޯތައް ހަދައި، އެ މީހުންނަކީ "ޔަހޫދީން" އަދި "ގައްދާރުން" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ ކަމަށެވެ.
ނޫސްވެރިން އެ މަސައްކަތް ކުރަމުން ދަނީ އެ މީހަކު ނިސްބަތްވާ މީޑިއާއެއްގެ އުސޫލުތަކާ އެއްގޮތަށް ކަމަށްވާއިރު، މިފަދަ ދަށު ދަރަޖައިގެ ފުރައްސާރަތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. މި އަމަލުތަކުގެ ސަބަބުން ނޫސްވެރިންނަށާއި އެ މީހުންގެ އާއިލާތަކަށް ނަފުސާނީ ބިރުވެރިކަމާއި ރައްކާތެރިކަމުގެ ބޮޑެތި ނުރައްކާތައް ވަނީ ކުރިމަތިވެފައެވެ.
މީގެ ކުރިން ވެސް ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމުތަކުގައި ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅައި ފުރައްސާރަކުރުމުގެ މައްސަލަތައް ގިނަ އަދަދަކަށް ހިނގަމުންދާކަން ޖަމިއްޔާއިން ފާހަގަކުރިއެވެ.
ފުލުހުންގެ ކިބައިން އެދުނު ކަންކަން:
އަވަސް ތަހުގީގެއް ހިންގުން: މި ދަތުރާ ގުޅުވައިގެން ނޫސްވެރިންގެ އަބުރު ކަތިލައި ނަފުރަތު ފަތުރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގުކުރުން.
ސެކިއުރިޓީ އެސެސްމަންޓާއި ރައްކާތެރިކަން: ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް ސެކިއުރިޓީ އެސެސްމަންޓެއް ހަދައި، ކަމާގުޅޭ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން.
އެމްޖޭއޭއިން ވަނީ ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީއާއެކު، ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް ރައްދުކޮށްފައިވާ ހުތުރު ބަސްތަކާއި އިންޒާރުތައް ހިމެނޭ ސްކްރީންޝޮޓްތައް ހެއްކެއްގެ ގޮތުގައި ހިއްސާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް