ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

03 November 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި ޝާހިދު 30 ދުވަހަށް ބަންދުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 30 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރު ނެރެފައެވެ. މިއީ ޝަރީއަތް ނިމެންދެން ބަންދުކުރާ ހާލަތްތައް ފިޔަވައި، އެއްފަހަރާ ބަންދުގެ މުއްދަތަށް ޖެހޭ އެންމެ ދިގު މުއްދަތެވެ. ކްރިމިނަލް ކޯޓުން މިފަދަ ދިގު މުއްދަތެއް ކަނޑައަޅަނީ މައްސަލައިގެ ސީރިއަސްކަމާއި ފުލުހުން ހުށަހަޅާ ހެކިތަކުގެ މައްޗަށް ބިނާކޮށެވެ.

އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓް ރެޒިޑެންސްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ރޭ 9:51 ހާއިރު ހައްޔަރުކޮށްގެން ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށެވެ. އޭގެ ފަހުން އޭނާ ވަނީ ދޫނިދޫ ކަސްޓޯޑިއަލްއަށް ބަދަލުކޮށްފައެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ އޭނާގެ ޝަޚްސު ކަތިލުމަށްޓަކައި ސިޔާސީ ބޭނުމެއްގައި ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، މިފަދަ އަސްލެއް ނެތް ވާހަކަތައް ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައި މިވަނީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އޭނާ ވަރުގަދައަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް