ދީނާއި މިނިވަންކަމަށް އުނިކަމެއް އަންނާނެ ކަމެއް އަޅުގަނޑު ނުކުރާނަން
ރައީސް ދެއްވި ޔަގީން ކަމަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަމާއި މިނިވަންކަމާއި ދިވެހިންގެ އަމިއްލަ ވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސްއުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަން
ސިޔާސަތުތައް ތަންފީޒު ކުރާއިރު އިސްލާމް ދިނާއި ރާއްޖޭގެ މިނިވަންކަމަށް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތައް މިނިވަންކަމާއެކު ކުރިއަރައިދާ މަންޒަރު ބަލަން ނުތިބެ ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ވެސް އެރުމަކީ ކޮންމެ ރައްޔިތަކު ވެސް ބަލަން ބޭނުންވާނެ މަންޒަރެއް ކަމަށެވެ.
އެކަން ކުރަން ބޭނުންވާ ނަމަ ގައުމިއްޔަތާއި މިނވިަންކަމަށް ކުޑަ ވެސް ހީނަރުކަމެއް ނާންނާނެ ކަން ކަށަވަރު ވާނެ ގޮތަށް ގައުމުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރު ކުރާނެ ފަދަ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އަޅުގަނޑު ޔަގީކަން އަރުވަނީ ދިވެހިރާއްޖޭގެ އިސްލާމީ ވަންތަކަމާއި މިނިވަންކަމާއި ދިވެހިންގެ އަމިއްލަ ވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސްއުނިކަމެއް އަންނާނެ ފަދަ ގޮތަކަށް އަޅުގަނޑު އެއްވެސް ކަމެއް ނުކުރާނަން.
"އޭގެ ބަދަލުގައި އަޅުގަނޑު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ގައުމީ ކޮންމެ ބަހާއަކަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި." އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާޅުވި ދުވަހު ގައުމުގެ އިގްތިސާދީ ހާލަތާއި ދަރަނީގެ ދަންތުރަތަކުން ސަލާމަތް ކުރުމުގެ ވާހަކަ އާއި ދިވެހި ދިދަ އަށް އިހްތިރާމް ކުރުމާއި ގައުމިއްޔަތު ދިރުވުމަށް އިސްކަން ދޭނެ ގޮތުގެ ތަފްސީލްތައް ހުށަހެޅުއްވި ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަމާނެ ކަމަށް އެމަނިކުފާނު ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަންކަން ހަގީގަތަކަށް ހަދަން ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން؛
ރާއްޖެ ބަނގުރޫޓު ވާނެ ކަމަށް އެކި ފަރާތްތަކުން ދެމުން އައި އިންޒާރުތަކުން ގައުމު ސަލާމަތް ކޮށްފިން.
ޒިންމާދާރު ކަމެއް ނެތި ދަރަނި ނަގަމުން ފައިސާ ޗާޕު ކުރަމުން ދިޔަ ސަގާފަތް ނިމުމަކަށް ގެނެސްފިން
ދަރަނި ދަނީ ހަލާސް ކުރާތީ ބޭރު އިންއްވެސްޓަރުންގެ އިތުބާރު މި ގައުމާ މެދު ދަނީ އިތުރުވަމުން.
1000 އަށް ވުރެ ގިނަ ޒުވާނުން ވަތަނީ ހިދުމަތުގައި ދަސްވެނިވެއްޖެ.
ރާއްޖޭގެ މަސްލަހަތު ކުރިޔަށް ނެރޭ ހާރިޖީ ސިޔާސަތު ގާއިމްކުރެވުން
ބޭރުގެ ސިފައިން ވަނީ ފޮނުވާލާފައި.
ކަނޑުގެ ސަރަހައްދެއް ދޫކޮށްލަން ފޮނުވި ސިޓީ އަނބުރާ ގެނެސް، އެ ސަރަހައްދާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ފެށިން.
އެހެންކަމުން ސިޔާސީ ޖަޒުބާތުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަން ނެރެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޒާތީ އަރައިރުންތަކުގެ ކުރިއަށް ޖަމާއަތުގެ ބާއްޖަވެރިކަމާއި ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ގައުމީ ސަލާމަތާއި ފުދުންތެރިކަމާއި ކޮންމެ ފަރުދެއްގެ އުފާވެރިކަން ވެސް އިސްކަރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް