ސްޓެލްކޯ

ފެނަކައިގެ ދަށުގައި އޮތް ހުރިހާ ރަށެއްގެ ޚިދުމަތް ސްޓެލްކޯއާ ހަވާލުކޮށް ނިންމައިފި

06 November 2026
ފެނަކައިގެ ދަށުގައި ހުރި ހުރިހާ ރަށެއް ސްޓެލްކޯއާ ހަވާލުކޮށް ނިންމާލަން ބޭއްވި ރަސްމިއްޔާތު
ފެނަކައިގެ ދަށުގައި ހުރި ހުރިހާ ރަށެއް ސްޓެލްކޯއާ ހަވާލުކޮށް ނިންމާލަން ބޭއްވި ރަސްމިއްޔާތު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ޚިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ނިންމާލައިފިއެވެ.

މި ބަދަލާ ގުޅިގެން ސްޓެލްކޯއިން އެންމެ ފަހު ރަށެއްގެ ގޮތުގައި ޚިދުމަތާ ހަވާލުވެ، އެ ކުންފުނީގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައެވެ. މިއަދު ފޮނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝަރުނީޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ އެމްޑީ ޑރ. އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމާއެކު ރައްޔިތުން މި ޚިދުމަތްތަކާމެދު ކުރާ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި، ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމެވި ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޑރ. އަޒުވަރު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައްޔިތުންގެ އުއްމީދުތައް ޙާޞިލްކޮށްދިނުމަށް ކުންފުންޏާއި މުވައްޒަފުން ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.

މީގެ ކުރިން ސްޓެލްކޯއިން ޚިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަޙައްދުގެ އިތުރުން ކ، އއ، އދ އަދި ވ. އަތޮޅުގައެވެ. ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ، ޅ އަދި މ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މިއަދު ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް ރަސްމީކޮށް މިވަނީ ސްޓެލްކޯގެ ދަށަށް ގެނެވިފައެވެ.

މި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލުގެނެސް، އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލައި ތަންފީޒުކުރަން މިހާރު ވަނީ ފަށާފައެވެ. ފެނަކައިން ޚިދުމަތް ދެމުން އައި ރަށްތައް ސްޓެލްކޯގެ ދަށަށް ގެނައުމުގެ އަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ 4 ޓީމަކުން އަތޮޅުތެރޭގައި ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް