އިގްތިސާދު

ޖުމްލަ 1.7 މިލިއަން ޓޫރިސްޓުން، މިމަހު %16.1 ގެ އިތުރުވުމެއް

މި އަހަރުގެ ފަތުރުވެރިކަމުގެ މާކެޓް އެންމެ ބޮޑަށް ޑޮމިނޭޓްކުރަމުން އަންނަނީ ޗައިނާ އަދި ރަޝިޔާއިންނެވެ. އެގޮތުން ޖުމްލަ އައި ފަތުރުވެރިންގެ 19.0 އިންސައްތަ )326،741 ފަތުރުވެރިން( ޗައިނާއިން އައިސްފައިވާއިރު، 14.5 އިންސައްތަ )248،739 ފަތުރުވެރިން( އައިސްފައިވަނީ ރަޝިޔާއިންނެވެ.

25 October 2026
ޖުމްލަ 1.7 މިލިއަން ޓޫރިސްޓުން، މިމަހު %16.1 ގެ އިތުރުވުމެއް

މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 147،201 ފަތުރުވެރިން ޒިޔާރަތްކޮށް، މިމަހު ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމާއެކު، 2026 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ޖުމްލަ އަދަދު 1.75 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. އޮކްޓޯބަރު 24 ގެ ނިޔަލަށް މިއަހަރު ޖުމްލަ 1,750,222 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިމަހުގެ ތެރޭގައި ފަތުރުވެރިން އައި މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ އޮކްޓޯބަރު 17 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 8,621 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން އޮކްޓޯބަރު 24 ވަނަ ދުވަހު 8,154 ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރުގެ މިހާތަނަށް ބަލާއިރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް އަންނަނީ 5,893 ފަތުރުވެރިންނެވެ.

މި އަހަރުގެ ފަތުރުވެރިކަމުގެ މާކެޓް އެންމެ ބޮޑަށް ޑޮމިނޭޓްކުރަމުން އަންނަނީ ޗައިނާ އަދި ރަޝިޔާއިންނެވެ. އެގޮތުން ޖުމްލަ އައި ފަތުރުވެރިންގެ 19.0 އިންސައްތަ (326,741 ފަތުރުވެރިން) ޗައިނާއިން އައިސްފައިވާއިރު، 14.5 އިންސައްތަ (248,739 ފަތުރުވެރިން) އައިސްފައިވަނީ ރަޝިޔާއިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިނގިރޭސިވިލާތުން 131,996 (7.7 އިންސައްތަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ޖަރުމަނުވިލާތް (115,814) އަދި އިޓަލީވިލާތް (103,504) އުޅެނީ މާކެޓްގެ ހަތަރެއް އަދި ފަސްވަނައިގައެވެ.

ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް ބަލާއިރު، ޖުމްލަ ފަތުރުވެރިންގެ ތެރެއިން 74.0 އިންސައްތަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 21.7 އިންސައްތަ މީހުން ޚިޔާރުކޮށްފައިވަނީ ގެސްޓްހައުސްތަކެވެ. މިވަގުތު ރާއްޖޭގައި 45,171 އެނދު ރިސޯޓުތަކުގައި އޮޕަރޭޝަންގައި ހުރިއިރު، ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުސްތަކުގައި 16,946 އެނދު އޮޕަރޭޝަންގައި އެބަހުއްޓެވެ. މުޅި ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ޖުމްލަ 68,243 އެނދު މިހާރު ދަނީ ބޭނުންކުރަމުންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 99.1 އިންސައްތަ މީހުން އައިސްފައިވަނީ ވައިގެ މަގުންނެވެ. މީގެ ތެރެއިން 1,714,584 ފަތުރުވެރިން (98.0 އިންސައްތަ) ބޭނުންކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓެވެ. ކަނޑުމަގުން ރާއްޖެއަށް އެތެރެވެފައިވަނީ އެންމެ 15,583 ފަތުރުވެރިންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް