އިގްތިސާދު

އުފެއްދުންތެރިކަމުގެ މައުރަޒުގެ އެސްއޯއީ ކެޓަގަރީން އެއްވަނަ އެޗްޑީސީއަށް

މައުރަޒަށް ހުށަހެޅި ދޯނީގެ މޮޑެލްއަކީ، ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެއާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރި ހަމައެކަނި އުޅަނދުގެ ނަމޫނާއެކެވެ.

25 October 2026
އުފެއްދުންތެރިކަމުގެ މައުރަޒުގެ އެސްއޯއީ ކެޓަގަރީން އެއްވަނަ އެޗްޑީސީއަށް

މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ، މި ކޯޕަރޭޝަނަށް ލިބިއްޖެއެވެ.

"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މި ކޯޕަރޭޝަނާ އެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދެވެ. އަދި މި ކޯޕަރޭޝަންގެ ފަރާތުން އިނާމާ ހަވާލުވެލެއްވީ، ޑިރެކްޓަރ އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، މަލްޝާ ޝަރީފް އެވެ.

މި ކޯޕަރޭޝަންގެ ފަރާތުން އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅީ، ހުޅުމާލެ ތަރައްގީވެގެން އައި ދުވަސްވަރު ދަތުރުފަތުރަށް ބޭނުންކުރި ދޯނި ރަމްޒުކޮށްދޭ މޮޑެލްއަކާއި، ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި ޑްރެޖަރުގެ މޮޑެލްގެ އިތުރުން، ހުޅުމާލެއަށް އަލަށް ތައާރަފުކުރަން ނިންމާފައިވާ ސްމާޓް މަގު ބައްތީގެ މޮޑެލްތަކެވެ.

މައުރަޒަށް ހުށަހެޅި ދޯނީގެ މޮޑެލްއަކީ، ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެއާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރި ހަމައެކަނި އުޅަނދުގެ ނަމޫނާއެކެވެ. ދެވަނައަށް ހުށަހެޅި ޑްރެޖަރުގެ މޮޑެލްއަކީ ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި، 2003 ވަނަ އަހަރު ސަރުކާރުން "ޑްރެޖިންގ އިންޓަރނޭޝަނަލް" ކުންފުނި މެދުވެރިކޮށް ރާއްޖެ ގެނައި "އެމަޒޯން" ކޮންނަ ބޯޓުގެ ތަފްސީލީ ނަމޫނާއެކެވެ. "އެމަޒޯން" ކޮންނަބޯޓަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކޮށް، އެ މަޝްރޫޢު އެންމެ 6 މަސްދުވަހުގެ ތެރޭގައި ނިންމާލުމުގައި މުހިންމު ދައުރެއް އަދާކުރި، އެ ދުވަސްވަރުގެ ނިސްބަތުން އިންގިލާބީ ކުރިއެރުމެއް ހޯދައިދިން އުޅަނދެކެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ "އެމަޒޯން" ކޮންނަބޯޓުގެ މުހިންމު ބައިތައް އެންމެ ތަފްސީލީ ގޮތެއްގައި ދައްކުވައިދިނުމެވެ.

އޭގެ އިތުރުން، މައުރަޒަށް ހުށަހެޅި ސްމާޓް މަގުބައްތި މޮޑެލްއަކީ، ހުޅުމާލޭގެ މަގުބައްތިތައް ދުރުގައި ތިބެގެން ކޮންޓްރޯލްކޮށް އަލި ހުންނަ މިންވަރު އަމިއްލައަށް ބަދަލުކޮށް، އެ ސިސްޓަމަށް ދިމާވާ މައްސަލަތައް ވަގުތުން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން ކަރަންޓު ހަރަދު ކުޑަވެ، ކޮންމެ ބައްތިއެއްގެ ހާލަތު ވަގުތުން ބަލައި އަވަހަށް މައްސަލަތައް ހައްލުކުރެވޭނެއެވެ. މައުރަޒަށް ހުށަހެޅި ހުރިހާ މޮޑެލްތަކެއްވެސް ތައްޔާރުކުރީ އެޗްޑީސީގެ ހުނަރުވެރި މުވައްޒަފުންނެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ފަށާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްދާނީ 2 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ. މި އުފެއްދުންތެރިކަމުގެ މައުރަޒުގައި 600 ބައިވެރިންގެ ފަރާތުން ހުށަހަޅާ 4،400 އަށްވުރެ ގިނަ ޕްރޮޑަކްޓް ފެނިގެންދާނެއެވެ.

މި ކޯޕަރޭޝަންގެ ފަރާތުން މިފަދަ މައުރަޒުތަކުގައި ބައިވެރިވުމުގެ ބޭނުމަކީ، އެޗްޑީސީގެ ފަރާތުން ކުރާ މަސައްކަތްތަކާއި، ކުރިއަށްއޮތްތަނުގައި ބޭނުންކުރާނެ އާ އުފެއްދުންތައް ވީހާވެސް ގިނަ ފަރާތްތަކަށް ދައްކާލުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް