ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަންޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށާއި، ފާސްނުވެއްޖެނަމަ ބަހުސަކާ ނުލައި ވަގުތުން ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ ގޮތަށާއި، ފާސްނުވެއްޖެނަމަ ބަހުސަކާ ނުލައި ވަގުތުން ބާތިލުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާ ކުރިން އޮތް ގޮތުން، ގަރާރެއް ހުށަހެޅުމާއެކު އެ ގަރާރު ބަލައިގަތުމާ މެދު ވޯޓު ނެގުމުގެ ކުރިން މެންބަރުންނަށް ބަހުސްކުރުމުގެ ފުރުސަތު ލިބެއެވެ. ނަމަވެސް، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވައި އާންމު ކޮމިޓީން ފާސްކުރި އިސްލާހާއެކު މި ނިޒާމަށް މިވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.
ގަރާރެއް ހުށަހެޅުމާއެކު އެންމެ ފުރަތަމަ އޮންނާނީ އެ ގަރާރު މަޖިލީހަށް ބަލައިގަތުމާމެދު މެންބަރުންގެ މެދުގައި ވޯޓު ނެގުމެވެ. މަޖިލީހުގެ އަޣުލަބިއްޔަތުން އެ ގަރާރެއް ބަލައިގަންނަން ފާސްނުވެއްޖެނަމަ، އެއްވެސް ބަހުސެއް ކުރުމުގެ ފުރުސަތެއް ނުލިބި ގަރާރު ވަގުތުން ބާތިލުވާނެއެވެ.
ކުރިއަށް އޮތް ތަނުގައި މަޖިލީހުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށްވާ އެއްވެސް ކަމެއްގައި ގަރާރެއް ހުށައެއް ނޭޅޭނެއެވެ.
މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބަހުސްކުރުމުގެ ކުރިން ގަރާރު ބަލައިގަތުމުގެ ވޯޓު ނަގާ ގޮތަށް ގަވާއިދު އިސްލާހުކުރީ ވެރިކަންކުރާ ޕީއެންސީގެ 56 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅު އެމްޑީޕީގެ 11 މެންބަރަކު ވަނީ މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. މީގެ އިތުރުން، ބަހުސްކުރުމުގެ ފުރުސަތު ގެއްލޭ ގޮތަށް އޮތް ބައި އުނިކުރަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުވެސް ޕީއެންސީގެ އަޣުލަބިއްޔަތުން ވަނީ ބޭރުކޮށްލާފައެވެ.
މި ބަދަލާއެކު، ސަރުކާރު ހިންގާ ޕީއެންސީން ބޭނުންވާ ގަރާރަކަށް މެނުވީ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް މުޅިން ބަންދުވެގެންދާނެ ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، އިދިކޮޅުން ހުށަހަޅަނީ ބޭކާރު ގަރާރުތަކެއް ކަމަށާއި ދެން ގަރާރު ހުށަހަޅަން ފުރުސަތު ދޭނީ ސަރުކާރުގެ މަސައްކަތްތަކަށް ޝުކުރު އަދާކުރުމަށާއި ކުރީގެ ވެރިންގެ އެކައުންޓުތަކުގައި ހުރި ފައިސާގެ މައްސަލަތައް ފަދަ ކަންކަމުގައި ކަމަށެވެ. އެ ނޫން ގޮތަކަށް ހުށަހަޅާ ގަރާރުތަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް