އެލްޖީއޭ ބޯޑުގެ ދެ ގޮނޑިވެސް ޕީއެންސީއަށް
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާ ދައްކާގޮތުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލީ ދެ ގޮނޑިވެސް، އިދިކޮޅު އެމްޑީޕީއާ ވާދަކޮށް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބު ކުރަންޖެހޭ 3 މެންބަރުންގެ ތެރެއިން ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މަޤާމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަނި ކުރިމަތިލެއްވުމުން، އޭނާ ވަނީ އިންތިޚާބަކާ ނުލައި ކުރިން ހޮވިވަޑައިގެންފައެވެ.
މިއަދު ވޯޓުލުން ކުރިއަށްދިޔައީ ބާކީ އޮތް ދެ މަޤާމަށެވެ. އެގޮތުން ރަށު ކައުންސިލަރުންގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ޢަލީ އަޙްމަދު ކާމިޔާބު ކުރެއްވީ 314 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ޒާފިރަށް ލިބިވަޑައިގެންނެވީ 227 ވޯޓެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 625 މީހުންގެ ތެރެއިން 541 މީހުން (87 އިންސައްތަ) ވަނީ ވޯޓުލާފައެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (އަންހެނުންގެ ކޮމިޓީ) ރައީސުންގެ ގޮނޑި 93 ވޯޓާއެކު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޒީނާއެވެ. އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގެންނެވީ 67 ވޯޓެވެ. މިއިންތިޚާބުގައި ރަޖިސްޓްރީކުރި 182 މީހުންގެ ތެރެއިން 160 މީހުން (87 އިންސައްތަ) ވޯޓުލާފައިވެއެވެ.
މިއަދު ބޭއްވި ދެ އިންތިޚާބުގައި ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާއިރު، 706 މީހުން ވަނީ ވޯޓުލާފައެވެ. އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި މި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާނީ ނޮވެމްބަރު 3 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް